މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް އިޓަލީގެ ގައުމީ އެއާލައިންގެ ދަތުރުތައް މިއަހަރުވެސް ރާއްޖެއަށް ކުރާނެ ކަމަށް އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއަރވޭސް (އައިޓީއޭ އެއަރވޭސް) އިން ހާމަކޮށްފިއެވެ.
މި ދަތުރުތައް މިއަހަރު ކުރުމަށް ނިންމާފައިވަނީ ފައިބެއަހަރުގެ ކާމިޔާބީއަށް ބެލުމަށްފަހު ކަމަށް އެފަރާތުން ހާމަކުރެއެވެ.
އައިޓީއޭ އެއާވޭސް އިން ބުނެފައިވަނީ މިއަހަރުގެ ދަތުރުތައް ކުރާނީ މިއަހަރުގެ ޑިސެމްބަރ 16 އިން އަންނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ފިއުމިސީނޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކަމަށެވެ. އަދި އިޓަލީއައި ރާއްޖެއާއި ދެމެދު ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު އޮންނާނެ ކަމަށެވެ.
މި ދަތުރުތަކުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު އެ އެއަރލައިނުން ހުޅުވާލާފައިވާ ކަމަށް ވެސް ބުނެއެވެ.
އައިޓީއޭ އެއަރވޭސްއަކީ ދުނިޔޭގެ 12 ސަރަޙައްދަކަށް މިހާރުވެސް ދަތުރުކުރަމުން އަންނަ އެއާލައިނެކެވެ.
އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާ ގައުމަކަށްވާއިރު، އެގައުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދުވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހައިތަނަށް ވެސް އިޓަލީން 55،594 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފައިބެއަހަރު އިޓަލީން ރާއްޖެއަށް 97،627 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީއަކީ އެއަހަރު ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމު ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!