އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ރޭ ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަގުހެޔޮ ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. އެގޮތުން، ޕެޓްރޯލް ލީޓަރަކުން 83 ލާރި އަގުހެޔޮ ކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 62 ލާރި ވަނީ އަގުހެޔޮ ކޮށްފައެވެ.
މި ބަދަލާއެކު ކުރިން 15.97ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު 15.14ރ. އަށް ލިބޭނެއެވެ. އަދި ކުރިން 16.32ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ހޯމަ ދުވަހުން ފެށިގެން 15.70ރ. އަށް ލިބޭނެއެވެ.
މިއަގުތަކުގައި މިއަދުން ފެށިގެން އެފްއެސްއެމް ހުރިހާ ޕެޓްރޯލް ޝެޑަކުން ޕެޓްރޯލާއި ޑީސަލް ލިބޭނެއެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުން ގެންނާނެކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!