މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ފަސްކޮށްފިއެވެ.
އެ ޕާޓީން ބުނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ.
އެ ޕާޓީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެވެ.
ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގައި، ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް ގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
އެމްއެންޕީ ގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ސުންގަޑި 14 ޑިސެމްބަރ 2022 ގެ 14:00 ގައި ހަމަވިއިރު، އެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެކަނިކަމުން ވާދަވެރިކަމެއްނެތި އޭނާއަށް ވަނީ ޓިކެޓު ލިބިފައެވެ.
އެމްއެންޕީ އަކީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ 25 ނޮވެމްބަރު 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!