އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށާއި ދައުރުވަމުންދަނީ ބަޔަކު ހަދައިގެން އުޅޭ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޔުނިޓުން އެ ކުންފުނީގެ މުވައްޒަފުންނަށް ވިއްކުމަށް ފުރުސަތު ހުޅުވާލާފައިވާއިރު އެ ޔުނިޓުތަކަކީ ހުޅުމާޅޭގައި ހިންގާ ހަތަރު މަޝްރޫއަކުން ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ދޭ ޔުނިޓުތަކެއް ކަމަށެވެ. އަދި އެ ޔުނިޓުތައް މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސްޓާފް ހައުސިން ސްކީމުގެ ދަށުން "އެންޑް ޔޫޒަރ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކުމަށް ހުޅުވާފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް ބައެއް ޔުނިޓުތައް ނުވިކި ހުރިކަމަށެވެ.
އެ ފްލެޓުތަކުގެ ތެރެއިން ބައެއް މުވައްޒަފުން ދޫކޮށްލުމުގެ ސަބަުންނާއި ބައެއް މުވައްޒަފުންގެ ޝަރުތު ހަމަނުވެގެން 34 ޔުނިޓު ނުވިކި އެބަހުރި ކަމަށާއި މިދިޔަ އަހަރުގެ ސްޓާފް ހައުސިން ސްކީމަށް އެއް އަހަރުވެފައިވާއިރު އެ ސްކީމުގެ ދަށުން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ޔުނިޓުތައް އަލުން ވިއްކުމަށް ހުޅުވާލީ އެ މުވައްޒަފުންނަށް ފުރުސަތު ދީ ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ކަމަށް ވެސް އެ އާބަންކޯއިން ބުންޏެވެ.
މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން 34 ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުން ޝަރުތުހަމަވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ޔުނިޓުތައް ވިއްކާނީ ވަކި އުސޫލެއްގެ ތެރެއިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ ކުންފުނިން އަލުން ފުރުސަތު ހުޅުވާލީ އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންނަށް ފްލެޓު ދޭން ކަމަށް ބުނެ ދަނީ ޚަބަރުތައް ފަތުރަމުންނެވެ. ނަމަވެސް ކާކުކަން ނޭނގޭ އެކައުންޓަކުން އާއްމުކޮށްފައިވާ މެމޯ އާއި ޔުނިޓުތަކުގެ އަގުތަކާއި އެ ކުންފުނީގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ އާއްމުކޮށްފައިވަނީ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް ބުންޏެވެ.
ކުންފުންޏާ ގުޅޭގޮތުން ދޮގު ޚަބަރާއި މައުލޫމާތު ފޯރުކުރަމުންދަނީ ކަމުގެ ހަގީގަތް އޮޅުވާލައި ކުންފުނީގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށާއި އެ މައުލޫމާތާ ގުޅިގެން ބައެއް ނޫސްތަކުން ޚަބަރު ޝާއިއު ކުރުމުގެ ކުރިން އެއީ ސައްޙަ މައުލޫމާތެއްތޯ ބަލާފައި ނުވާ ކަަމަށް ވެސް އާބަންކޯއިން ބުންޏެވެ. އެހެންކަމުން އެފަދަ ނޫސްތަކުގެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގޭ މަޝްރޫއުތަކާއި، ހާއްސަކޮށް އާއްމުންނާ ގުޅިފައިވާ އެފަދަ ބައްޓަންކޮށްފައިވަނީ ވީހާވެސް ހާމަކަންބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލާއި ގަވާއިދުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތް އިންޓަރނަލް އޮޑިޓުން ވެސް ގަވާއިދުން ބަލަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ޙައްގަކަށް އުނިކަމެއް އަންނާނެ ފަދަ އަދި ހައްގެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދޭ ކަމަށް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!