ސިންގަލް ޔޫސް ޕްލާސްޓިކް ކޮަތަޅުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން އިލްތިމާސް ކޮށްފިއެވެ.

އެ ވުޒާރާ އިން މިހެން ބުނެފައި މިވަނީ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުން ގިނަބަޔަކު ފާޅުކުރަމުން އަންނާތީ ނެރުނު ނޫސް ބަޔާނެއްގައެވެ.

Ad
rt

އެ ނޫސް ބަޔާނެއްގައި ބުނީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމަނާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އައި އިރު، އެ މާއްދާ އުނިކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

"އެ މާއްދާ އުނިކޮށްފައި ވީ ނަމަވެސް އެ ބިލަކީ ކުނީގެ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ އެ ބިލު ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް." މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑު ވި މައްސަލަ ހައްލު ކުރެވޭ ގޮތަށް ވާނީ މިދިޔަ މާރިޗް މަހު މަޖިލީހަށް އިސްލާހް ހުށަހަޅާފައިވާނެ ކަމަށާއި އެ އިސްލާހް ފާސްވުމުން އެ މައްސަލަލައަށް ހައްލު ލިބިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

ޕާލްސްޓިކް ކޮތަޅުން ފީއެއް ނަގަަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބު ކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަަމަށް ވެފައި، އެ ސިޔާސާތު ރާއްޖޭގައި ތަންފީޒު ކުރުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީ އެވެ.

ރާއްޖެއަކީ ނާޒުކު ތިމާވެއްތެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިގްތިސޯދު ބިނާވެފަިއވާ ގައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތަކަށް ވާތީ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ބުނެއެވެ.