އަންނަ ފިތުރު އީދުދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އާބަންކޯއިން ނިންމައިފިއެވެ.

އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެބްޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގައެވެ. އެގޮތުން، ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި މަޖަލުގައި ބައިވެރިވެވޭނަ ކަމަށް އާބަންކޯއިން ބުންޏެވެ.

Ad
rt

އާބަންކޯއިން ބުނި ގޮތުގައި އީދު ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާނެއެވެ. އޭގެ ތެރޭގައި:
- ކުލަ ޖެހުން
- ކްރޮސްނެޓް ވޮލީބޯޅަ
- ކުޑަކުދިންގެ ކައިޓް ސެޝަން
- ރޮބޯމޭންގެ ހަރަކާތްތައް
- ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް
- ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައް

ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އީދު ދުވަހުގެ ހެނދުނު 8:30ން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެއެވެ.

މި ނައިޓުގައު އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެ ކަމަށް އާބަންކޯއިން ބުންޏެވެ.