ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ އިޓަލީގެ އޭސީ މިލާން ގިނަ އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި މިލާން ބައްދަލު ކޮށްފައި ވަނީ ނަޕޯލީއާއެވެ. މި ދެ ޓީމް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މިލާންގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލާނުންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ނަޕޯލީގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިލާނަށް ސެމީން ޖާގަ ލިބިފައި ވަނީ އެގްރިގޭޓް ނަތީޖާ 2-1 އިން ކުރި ލިބިގެންނެވެ.
މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފައި ވަނީ މީގެ 2007 ވަނަ އަހަރުއެވެ. އެއީ މީގެ 16 އަހަރުގެ ކުރިއެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި މިލާން ވަނީ ކުޅެފައެވެ. ލިވަޕޫލް ބަލިކޮށް އެ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ވެސް މިލާނުންނެވެ.
ރޭގެ މެޗުގައި މިލާނަށްވުރެ ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ނަޕޯލީންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މިލާނުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޖިރޫޑެވެ. މި ލަނޑު ޖިރޫޑް ޖަހާފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި މިލާންގެ ޒުވާން ޕޯޗުގަލް ފޯވާޑް ރަފޭލް ލިއޯގެ މަސައްކަތުން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ރަފޭލް ލިއޯއަށް އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް ނަޕޯލީގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭނާ ވަނީ ގޯލު މެދުގައި ހުރި ޖިރޫޑްއަށް ހުސް ގޯލަށް ބޯޅަ ފޮނުވާލަން ފުރުޞަތު ފަހިކޮށްދީފައެވެ. މި ލަނޑާއިއެކު އުމުރުން 36 އަހަރުގެ ޖިރޫޑް ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި ލަނޑުޖެހި އެންމެ އުމުރުން ދުވަސްވީ ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.
މި ލަނޑު ޖެހުމުގެ ކުރިން މެޗުގެ 20 ވަނަ މިނެޓުގައި މިލާނަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަޕޯލީގެ އޭރިއާތެރެއިން ރަފޭލް ލިއޯއަށް ކުރި ފައުލަކާއި ގުޅިގެން ދިން މި ޕެނަލްޓީ ޖިރޫޑް ފޮނުވާލިއިރު، އެ ޕެނަލްޓީ ނަޕޯލީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް ނަޕޯލީއަށް ވަނީ ލިބިފައެވެ. މިލާންގެ އޭރިއާ ތެރެއިން އެ ޓީމްގެ ފިކަޔޯ ޓޮމޯރީގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ނަޕޯލީގެ ހުނަރުވެރި ކުޅުންތެރިޔާ ކްވަރަސްޚޭލިއާ ފޮނުވާލިއިރު އެ ޕެނަލްޓީ މިލާންގެ ކީޕަރު މައިގްނަން ވަނީ މަތަކޮށްފައެވެ.
ނަޕޯލީން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ އެ ޓީމްގެ ފޯވާޑް އޮސީމެން ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ.
މިލާން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިރޭ އިންޓަ މިލާނާއި ބެންފީކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ބެންފީކާއާއި އިންޓަ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އިންޓައިން ވަނީ 2-0 އިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގުގެ މެޗު މިރޭ 00:00 ގައި ކުޅޭނީ އިންޓަގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!