ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 7،800 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 16.96 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

1،420 މީހުންގެ އާބާދީއެއް އޮންނަ ހިތަދޫގެ އުތުރާއި، ދެކުނާއި އަދި އިރުމަތިފަރާތް ވަނީ ވަރަށް ބޮޑަށް ގިރާފައެވެ. މި ރަށުގެ ދެކުނު ފަރާތުގެ ގޮނޑު ދޮށުން ބޮޑު ސަރަހައްދެއް ގިރާފައިވާއިރު، މީހުން ދިރިއުޅޭ ގެތަކާ ހަމައަށް ވަނީ މިކަމުގެ ނުރައްކާ ފޯރާފައެވެ.

މި އެއްބަސްވުމާއެކު މުސްތަގުބަލުގައި ހިތަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.