ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 12،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މޫރިން ބޯއީސް ހަރުކުރުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް އެޅުމާއި، 16 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 1،847.11 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، 291 މީޓަރުގެ ސަރަހައްދެއްގައި ކާބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއާއެކު ތިނަދޫއަށް ޖާގަ ތަނަވަސް، ޒަމާނީ، ރީތި ބަނދަރެއް މުސްތަގުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއި ފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނޭ ކަމެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

މިއީ 40.57 މިލިއަން ރުފިޔާއާގެ މަޝްރޫއެކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.