ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އާބަންކޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، 521 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯ ގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ.
ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ޤާއިމު ކުރުމުގެ ތެރެއިން، މިއަދު ސޮއި ކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކޮށްފައެވެ. މީގެ ތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ.
މީގެ އިތުރުން ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ.
ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބެނުންތަކެއް ހިމެނިގެން ތަރައްޤީ ކުރެވޭ ރަށަކަށް ހެދުމަށް އާބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!