ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

Ad
rt

ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކައްދޫ އެއަރޕޯޓަށް ކަމަށާއި މި ދަތުރުގައި 26 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެފަހުން އެހެން މަންޒިލްތަކަށް ވެސް މި ބޯޓު ދަތުރުކުރާނެކަމަށް ބުނެއެވެ.

މޯލްޑިވިއަންގެ ބޯޓުތަކުގެ ފްލީޓް ބައު ވުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ތިން ބޯޓު ގެނައުމުގެ މަސައްކަތް މިދިޔަ އަހަރު ފަށައި، މިހާރުވަނީ މި ތިން ބޯޓުވެސް ރާއްޖެ އައިސްފައެވެ.

މީގެ ތެރެއިން އެންމެ ފަހުން ގެނައީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ފަހުން ގެނައި ހުރިހައި ބޯޓަކީވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދު ވެސް ކުޑަ ބޯޓުތަކެއް ކަމަށެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުން އަމާޒަކަށް ހަދާފައިވާއިރު، މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް އަލަށް ގެނެސްފައިވާ ތިން ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.