އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.
މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަގައްދާއި، ފެރީ ޓާމިނަލް ސަރަހައްދާއި، ކާގޯ ވެއާހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރުމަށް އެހީތެރިވެދޭނެއެވެ.
މިއެއްބަސްވުމުގެ ދަށުން އާބަންކޯއިން ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޯޕަން އެކްސެސް ނެޓްވޯކެއް ޤާއިމުކުރުމުގައި އެހީތެރިވާނެއެވެ.
އާބަންކޯއިން ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތައާރަފް ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެކަން ސާބިތުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!