އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ އަންހެން ކުދިންގެ ބޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ.

Ad
rt

އޭނާ ހުށަހެޅުއްވި މައްސަލައިގައި އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެކުދިންގެ ހައްގުތަށް ގެއްލޭ އުސޫލުން ސަރުކާރުގެ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރަމުންދާތީ އެކަމުގެ ސަބަބުން ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ތައުލީމު ލިބިގަތުމުގެ ހައްގަކީ އެއްވެސް ކުއްޖަކު އެ ހައްގަކުން މަހްރޫމް ކުރެވޭނެ ހައްގެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުރިހާ ކުދިންނަށް ވެސް އެ ހައްގު އެންމެ އެދެވޭ ގޮތުގައި ލިބެމުންދާ ކަން ކަށަވަރު ކުރުމުގެ ޒިންމާ ގާނޫނު ބުނާ ގޮތުން ނަގަން ޖެހޭ އެންމެ މަތީ ފަރާތަކީ ޖެންޑަރ މިނިސްޓަރު ކަމަށްވާއިރު، އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނެއުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އާޒިމާ ވަނީ ހުށަހަޅުއްވާފައެވެ.

އާޒިމާ ވަނީ މިކަމުގެ ސަބަބުން ކުދިންގެ ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރު ކުރާނެ ކަމަށާއި އެއީ ފޫ ނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ހުކުމެއް ހޯދުމަށްޓަކައި މީގެ ކުރިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހަޅުއްވާފައިވަނީ އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަނިކޮށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައި ވާތީއެވެ.