ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް އެ ކުންފުނީގެ ނަން ބަދަލުކޮށްފިއެވެ.

އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އެކުންފުނީގެ ނަން ވަނީ "އާބަންކޯ" ގެ ނަމަށް ބަދަލުކޮށްފައެވެ.

Ad
rt

މި ނަމަށް ގެނައި ބަދަލާއި އެކު އެ ކުންފުނިން ބުނީ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދާފައިވާކަން ފާހަގަކޮށް އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލުތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލާ، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން އާބަންކޯ ބްރޭންޑިންގ ވެގެން ދާނީ އެ ކުންފުނިން މިހާރުދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި ޒަމާނީ ތަރައްގީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އާބަންކޯގެ އަމާޒެއް ކަމަށް ވެސް ބުނެއެވެ.

ހަމަމިއާއެކު ކުންފުނީގެ ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައިވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކީ އާބަންކޯ ކަމުގައެވެ.

ރީބްރޭންޑާއި އެކު އެ ކުންފުނީގެ އައު މޮބައިލް އެޕްލިކޭޝަން "އާބަންކޯ އެޕް" ވެސް ވަނީ ލޯންޗްކޮށްފައެވެ.