މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ.
އެމްޓީސީސީން ބުނީ އެ ފަޅަކީ ހަމައެކަނި އެމްޓީސީސީގެ ފެރީތައް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އެހެން އުޅަނދުތައް ގަވާއިދާ ޚިލާފަށް އަޅާފައިހުރުމުގެ ސަބަބުން ފެރީތައް ގަޑިއަށް ފުރުމަށާއި، ލެފުމަށް ދަތިތައް ކުރިމަތިވާކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައިހުރުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގުމަށްވެސް މެދުވެރިވާކަމަށް އެމްޓީސީސީން ބުންޏެވެ.
މި ސަބަބުތަކާހުރެ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް 10 ދުވަހުގެ ތެރޭގައި ނެގުމަށް އެމްޓީސީސީން ވަނީ އަންގާފައެވެ.
މި މުއްދަތުގެ ތެރޭގައި ނުނަގައި ހުރި އުޅަނދުތައް ފުލުހުން މެދުވެރިކޮށް އެ ސަރަހައްދުން ނަގާނެ ކަަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!