ޣާޒީ ބިލްޑިންގ ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަން ޕްލޭނިންގ މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލެއަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ ކަމަށެވެ.
އެގޮތުން މަސައްކަތް ކުރަމުން ދަނީ އަންނަ ޖޫން 20 ގެ ނިޔަލަށް އެ އިމާރާތް ތަޅާލުމަށް ކަމަށް ވެސް ބުނެއެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އައި ޣާޒީ ބިލްޑިންގގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އެކަންޏެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، 26 ޖުލައި 1982 ގައި ހުޅުވި ޣާޒީ ބިލްޑިންގ ނިސްބަތްވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.
މިއީ ސަރުކާރު އޮފީސްތައް ވަކިވަކި ތަންތާނގައި ހިންގުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށަށް ގެނެސް ވީހާވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ތަރައްޤީކުރި ޢިމާރާތެކެވެ.
ހަތަރު ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި އިމާރާތަށް 41 އަހަރުވެފައިވާއިރު، މިއީ ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އެންމެ ދުވަސްވީ އިމާރާތްވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!