ރަނގަބީލްގެ އަޑާއެކު ހުރިހާ ކުދިންވެސް ތެޅިގަތީ، އަވަހަށް ގެއަށްދާށެވެ. އިންޓަވަލަށް ލިބޭ ބައިގަޑި އިރުގެ ތެރޭގައި ރަނގަޅަށް ސައިބޮއިގެން ނާދެވިދާނެތީއެވެ .އަދި ސްކޫލާ ދުރުގައި އުޅޭ ކުދިންނަށް އަވަހަށް ގެއަށް ނުދެވިދާނެތީއެވެ. އެހެން ކުދިން ފަދައިން އަހަރެންވެސް އަވަސް އަވަހަށް ގެއާދިމާލަށް މިސްރާބުޖެހީމެވެ.
ފަޔަށް ލެވުނުހާ ބާރެއްލައިފައި އަހަރެން ހިނގީމެވެ. ގެއާއި ހަމައަށް އާދެވޭއިރު ހުންނަނީ ވަރުބަލިވެފައެވެ. އަދި މުޅިމީހާ ދާހިއްލާ ފޯވެސްވެފައެވެ. އެހެންކަމުން އާދައިގެ މަތިން މިއަދުވެސް އަހަރެން އައިސް އޮށޯތީ ބަނބުކެޔޮ ގަސްދަށުގައި ހުރި އުނދޯލީގައެވެ.
" އަދިވެސް އަވަސް ކަމަށް ތިތާ ތި އޮށޯތީ؟ މިހާރު ދޮންތަވެސް ސައިބޮއި ނިމިއްޖެ! އަވަހަށް ދޭބަލަ ސައިބޯން! "
އިލޮށިފަތި ހިފައިގެން އައިސް ގަސްދޮށް ކުނިކަހަން ފަށަމުން މަންމަ ބުނެލިއެވެ. މަންމަގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން އަހަރެން ތެދުވީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ކާގެއިން ނިކުމެގެން އަންނަ ދޮންތައެވެ. ދޮންތަ އަހަންނަށްވުރެ ދޮށީވާނީ އެންމެ އަހަރެކެވެ. ދޮންތައަށް ތޭރަ އަހަރެވެ. އަހަންނަށް މިވީ ބާރަ އަހަރެވެ. ނަމަވެސް މަންމަގެ ލޯބިން ދޮންތައަކީ ގޭގެ ވެރިމީހާއޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ދޮންތައަށް އަވަހަށް ސައިބޮވިދާނެތާއެވެ. ދޮންތައަށް ހިނގާފައި އަންނަން އުނދަގޫވުމުން އެންމެ ފަހުގެ ބައިސްކަލެއް އޭނާއަށް ބައްޕަ ހޯދައިދިނެވެ. އަހަރެންވެސް ބައިސްކަލެއް ބޭނުންވާ ވާހަކަ ބުނުމުން ބައްޕަ ބުނެލި ޖުމްލަ އަދިވެސް މިކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.
" ދޮންތައެއީ އަންހެން ކުއްޖެކޭ! ފިރެހެން ކުދިންގެ ގައިގަ ހުންނަ ބާރެއް ދޮންތަމެން ގަޔަކު ނުހުންނާނެ! "
އާރާއި ބާރަކީ މާތްﷲ ކޮންމެ އިންސާނަކަށްވެސް ދެއްވާފައިވާ ނިޢުމަތެކެވެ. އަހަންނަކީ ފިރެހެން ކުއްޖަކަށް ވުމުން އަހަރެންގެ ހަށިގަނޑުގައި ކަށީގެ ބަދަލުގައި ހުރީ ދަގަނޑުތޯ ބައްޕައާ އެދުވަހު ސުވާލުކޮށްލަން ވަރަށް ބޭނުންވިއެވެ. ނަމަވެސް އެއީ ބައްޕައެވެ. ބައްޕަ ހިތުގައި ޖެއްސުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ.
ސައިބޮއި އަވަދިވެގެން، މަޑުކޮށްލުމެއްނެތި އަހަރެން ސްކޫލަށްދާން ހިނގައިގަތީމެވެ.
" ދަރިފުޅާ އަޒްރާ! މި ދޮންމަދު ކާލައިގެން ދޭބަލަ! "
ބައިސްކަލް ހިފައިގެން ދޮންތަ ނިކުމެ ،ނިކުމެ ހުއްޓާ ފަހަތުން މަންމަ ގޮވާލި އަޑަށް އަހަންނާ ދޮންތައަށްވެސް ހުއްޓެވުނީ އެކުއެކީގައެވެ. ހެވިފައި ހުރެ، މަންމައައިސް ދޮންތައަށް ދޮންމަދެއް ދިއްކޮށްލިއެވެ. އެ މަންޒަރު ފެނި އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އެއީ އާ ކަމަކަށް ނުވާތީ އަހަރެން އާޝޯޚެއް ނުވަމެވެ. އަޅާނުލާ ނިކުތީއެވެ.
ރޭގަނޑުގެ ވަގުތެވެ. ރެއަކީ ވިދާ، ގުގުރާ، ވިއްސާރަ ރެއެކެވެ. އަހަންނާ ދޮންތަ ނިދަނީ އެއް ކޮޓަރިއެއްގައެވެ. ދެމީހުންގެ ދެ އެނދު ހުންނަނީ ކޮޓަރީގެ ދެކޮޅުގައެވެ. އަހަންނަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. ބޯހިއްލާލުމަށްފަހު ދޮންތަގެ އެނދާދިމާލަށް ބަލާލިއިރު ދޮންތަގެ ގައިމަތީގައި ރަޖާގަނޑެއް އަޅާފައި އޮތެވެ. މަޑުމަޑުން އަހަރެން ތެދުވެ އެނދުމަތީގައި އިށީނދެލީމެވެ. އަހަރެން ނިދީ، ދޮންތައަށްވުރެ ފަހުންނެވެ. ދޮންތަ ނިދިއިރު ގައިމަތީގައި ރަޖާގަނޑެއް ނެތްކަން އަހަންނަށް ހަމަ ޔަޤީނެވެ. ފިނިކަމުން ނުނިދޭނެތީ އަހަރެން ނިންމީ މަންމަގާތަށް ދާށެވެ. ސިޓިންގ ރޫމަށް ނިކުތް އިރު ސިޓިންގރޫމުގައި ހުރި އަށީގައި ބައްޕަ އޮތީ ނިފާދައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް މަންމަގެ ކޮޓަރިކައިރީ ހުއްޓުމާއެކު ގުގުރީގެ އަޑު އިވެއެވެ. ނިދާފައި އޮތަސް މަންމައަށް ގޮވަން އަހަރެން ބޭނުންވިއެވެ.
" މަންމާ! ހީކަރުވަނީއޭ! "
މަންމަގެ އަތުގައި ކޮއްޓާލަމުން އަހަރެން ބުނީމެވެ. މަންމައަށް ހޭލެވުނީ ސިހިގެންނެވެ. އެހެންކަމުން މަންމައަށް ވަރަށް ރުޅިވެސް އާދެވުނުކަން އަހަންނަށް އެނގުނީ އަހަންނާދިމާލަށް ބަލާލި ގޮތުންނެވެ.
" ހޫން.. ކީއްކުރަންތަ ތިގޮވަނީ؟ ނިދަން ދާން އުޅޭ! "
" ހީކަރުވަނީއޭ މަންމާ! ރަޖާގަނޑެއް ދީބަލަ! "
މަންމަގެ ނިދި ހަލާކުވިޔަސް އަހަރެން ބޭނުންވާ ކަންތައް މަންމަގާތު ބުނީމެވެ. އެއާއެކު ރުޅި އައިސްގެން މަންމަ ޕިސްޕިސް ކިޔަން ފެށިއެވެ.
" އަލަމާރިން ތުވާއްޔެއް ނަގައިގެންދޭބަލަ ދެން! ނެތޭ ރަޖާގަނޑެއް! މިރޭ ވިއްސާރަވީމަ ދޮންތަގައިމަތީ އަޅާފަވީ މިތާ އޮތް ރަޖާގަނޑު.. އޭނަ މާ ހީކަރުވާނެ! "
ފޫހި ރާގަކަށް މަންމަ އެހެން ބުނުމުން އަހަރެން އަލަމާރިއާ ދިމާލަށް ހިނގައިގަތީމެވެ. މާކުރިންވެސް އެއީ މަންމަ ކުރި ކަމެއްކަން އަހަންނަށް އެނގެއެވެ. އެހެނަސް އެކަންވެސް އަހަރެން ކަމަކަށް ނަހަދަމެވެ. އަލަމާރިން ތުވާއްޔެއް ހިފައިގެން ގޮސް ދެފައި ފޮރުވާލައިގެން އޮށޯތީމެވެ.
ޖެހިގެން އައި ދުވަހެވެ. ސްކޫލުން އައިސް އަހަރެން އޮތީ ފޮތް ކިޔާށެވެ. ޓާރމްގެ އެންމެފަހު ޓެސްޓަށް އަހަރެން ތައްޔާރުވަމުން ދިޔައީމެވެ.
" އެކޮއި ދިޔައީމަ ހާދަ ފަޅުވާނޭ! "
ކޮޓަރީގައި ފޮތް ކިޔަން އޮއްވާ އަހަރެންގެ ކަންފަތުގައި ޖެހުނީ ސިޓިންގރޫމުން ވާހަކަ ދައްކަމުންދިޔަ މަންމަގެ އަޑެވެ.
" އަޒްރާ އެކަނިތަ މާލެ ކިޔަވަން ދަނީ؟ ޝިޔާމްއާ ދެކުދިން ފޮނުވާލިނަމަ!"
ދެން އަހަންނަށް އިވުނީ މަންމަގެ އެކުވެރި ހަސީނައްތަގެ އަޑެވެ. ހަސީނައްތަ އެއައީ މެންދުރު ކައިގެން ދުފަންކަން އަހަންނަށް އެނގުނެވެ.
" އެއީ ސޮރަކަށް ވާކަހަލަ ސޮރެއްތަ؟ ގަމާރުކަން އެހާ ބޮޑު! ކިހިނެއް މީހުންގާތު އުޅޭނީ! މަގޯތި އަޒްރާ ވަރަށް ފައްކާވާނެ! "
ދޮންތައާމެދު ފަޚްރުވެރިވެލާފައި މަންމަ ވާހަކަ ދެއްކިއެވެ. ނަމަވެސް އަހަންނޭ ކިޔައިގެން ދެއްކި ވާހަކަތަކުން އަހަރެން އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ނަމަވެސް އެކަންވެސް އަހަރެން ބޭނުންވީ ހިތުން ބޭރުކޮށްލާށެވެ.
ރަށުގައި ގްރޭޑް 7 ނިންމުމަށްފަހު ދޮންތަ ކިޔަވަން މާލެ ފޮނުވީ މަންމަމެންގެ ހުރިހާ އުއްމީދެއް ޙާޞިލްކުރާނެ ކަމުގެ ފުރިހަމަ އިތުބާރާ ޔަޤީންކަމާއެކުއެވެ. ދޮންތަ ދިޔުމުން އަހަރެން އުފާވިއެވެ. ދޮންތަގެ މަޤާމް އަހަންނަށް ލިބޭނެތީއެވެ. ދޮންތަދެކެވީ ލޯބި އަހަރެންދެކެ ވާނެތީއެވެ. އަދި ދޮންތައާމެދު ކަންތައްތައް ކޮށްދިންގޮތަށް އަހަންނާމެދުވެސް ކަންތައްތައް ކުރާނެތީއެވެ. ނަމަވެސް ކަންތައްވީ ދިމާއިދިކޮޅަށެވެ.
އެއަހަރު ސްކޫލްގެ ފުރަތަމަ ދުވަހެވެ. އަހަރެން ސްކޫލުން އިންޓަވަލަށް އައީ ދޮންތަގެ ބައިސްކަލްގައެވެ. ކާގެއަށް ވަތްއިރު ގޮށިދަށުގައި އެއްވެސް އެއްޗެއް ނެތެވެ.
" ނެތްތަ ލައިގެންކާނެ އެއްޗެއް؟ "
ބަނބުކެޔޮގަސްދޮށުން ހަސީނައްތަ ވާހަކަ ދެއްކި އަޑުން އަހަރެން އަވަހަށް ބޭރަށް ނިކުތީމެވެ. އޭރު މަންމަ ގިފިލިން ނިކުންނަނީއެވެ.
" އާނ! މިހާރު ވަރަށް ނުކައްކަން! ކާން މިތިބެނީ މަށާ އެސޮރާ! އެސޮރު ބައްޕަވެސް މަހަށްގޮސް އަންނާނީ އެހާ ލަހުން.. އެހެންވެ ދެން ނުކައްކަނީ.."
މަންމަ އެހެން ބުނުމުން އަތުގައި އޮތް ބޯތަށި ހިފައިގެން ހަސީނައްތަ އަވަސް އަވަހަށް ހިނގައިގަތެވެ.
" ކޯއްޗެއް ކާންވީ؟"
ހިތްހަމަ ނުޖެހުނު ނަމަވެސް، މަންމައާ އަހަރެން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އޭރު އިލޮށިކަހަން ފަންބޮނޑި ހިފައިގެން އައިސް މަންމަ ޖޯލީގައި އިށީންނަނީއެވެ.
" ޓައްޕުގަ ހުންނާނެ ފާރޮށި! ކުރާ ކައްކާފަ ހުންނާނީ! ކަމަކަށް ނަހަދާ ދެން ސައިތައްޓެއް އަޅާލަބަލަ! މިޒަމާނުގަ ގޭގޭގަ ފިރެހެންކުދިންވެސް މަސައްކަތްކުރެޔޭ! "
އަހަރެން ރުއްސާލަން މަންމަ އެހެން ބުނި ނަމަވެސް އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ހިނިތުންވާން އުނދަގޫވުމުން އިސްޖަހާލައިގެން ހުރެ ކާގެއަށްވަނީމެވެ. މިއީ ދޮންތަ ނެތިސް އިންޓަވަލަށް އައި ފުރަތަމަ ދުވަހެވެ. ކުރިއަށް އޮތްތަނުގައިވެސް ކަންތައްތައްވާނީ މިހެންކަން އަހަންނަށް ޔަޤީންކުރެވުނެވެ. ދޮންތަ ހުރި އިރު، މަސްހުންޏާ ރޮށި ނުވަތަ ރިހަޔާ ރޮށި ނުހުންނަ ދުވަހެއް ނުދާނެއެވެ. ދޮންތަ ބުނެފިނަމަ ކުޅިމަސްވެސް ހަދާނެއެވެ. އެކަންތައްތައް ހަނދާންވުމުން ސައިބޯހިތް ކަނޑާލިއެވެ. ފޯވެގެން ސައިތަށި ތެރެއަށް ވެއްޓުނު ފާރޮށިކިބައަށް ބަލާލީމެވެ. ސަމްސަލަކުން ނަގައިގެން އެ ކާލުމަށްފަހު އަހަރެން ކާގެއިން ނިކުތީމެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ރަށުން ފުރާ ކޮންމެ ބޯޓަކުން ދޮންތައަށް ވަރުވަރުގެ ފޮށިގަނޑުތަކުގައި ހަދިޔާ ބަދިޔާ ފޮނުވާހަދައެވެ. ކުޅެން އުޅެފައި އަހަރެން އައިސް ގެއަށް ވަތްއިރު މޭޒުމަތީގައި ނަން ހުސްކޮށް އެއްޗެހި ހުއްޓެވެ. އޭރުވެސް މަންމައާ ބައްޕަ އުޅެނީ ފޮށިގަނޑެއް ބަންދުކުރުމުގައި އަވަދި ނެތިއެވެ. ކޮތަޅުތައް ބަލާލާފައި، އެތަނުން ކޮތަޅަކަށް އަތްކޮއްޕާލީ ކުންނާރެއް ނެގުމަށެވެ. ހަމައެއާއެކު އަހަރެންގެ އަތުގައި މަންމަ ވަރަށް ބާރަށް ޖެހިއެވެ.
" މިހާރު އެއުޅެނީ އެ ކާންވެގެން! ޕިސްޕިސްޕިސް...! މަދުވެގެންނޭ މިއުޅެނީ! ނަގާނެ ކަމެއް ނެތް! ޝިޔާމަށް ލިބޭނެ މިރަށުގަ ކުންނާރު ހުރިއްޔާ! ދޮންތައަށްދޯ ނުލިބޭނީ!"
މަންމަ އެހެން ބުނުމުން މުށުތެރޭގައި އޮތް ކުންނާރުވެސް އަހަރެން އެ ކޮތަޅުގެ ތެރެއަށް ލީމެވެ. އެހެން ދުވަސްތަކާ ޚިލާފަށް އަހަރެން މިއަދު ދެރަވިއެވެ. އެހެނަސް އެކަން ސިއްރުކޮށްލައިގެން އަހަރެން އުޅުނީ ދަތުރު ހެދުމުގައި މަންމަމެންނަށް އެހީތެރި ވުމުގައެވެ.
އަހަރަކަށް ފަހު އަހަރެއް ނިމެމުން ގޮސް ސްކޫލް ދައުރު ނިމިއްޖެއެވެ. އެދެވޭ ނަތީޖާއެއް އަހަންނަށް ނުލިބުނީ ގްރޭޑް ދިހައެއްގެ އަހަރު ވަރަށް ބޮޑަށް އަހަރެން ބަލިވުމުގެ ސަބަބުންނެވެ. ސްކޫލަށް ދެވެނީ މަދު ފަހަރަކުއެވެ. ގިނަ ދުވަސްތަކުގައި ހަފްތާއެއް ވަންދެންވެސް އަހަރެން އުޅެންޖެހެނީ ހުމާއެވެ. މަންމަ ބަރާބަރަށް ޕެނަޑޯލް ގަނެދެއެވެ. ދެތިން ދުވަހު ޑޮކްޓަރަށް ދެއްކީމެވެ. ދާ ކޮންމެ ފަހަރަކު ޑޮކްޓަރ ދެނީ ބޭހެވެ. އެހެންކަމުން ފަހުން ފަހުން ޑޮކްޓަރަށް ނުދައްކާވެސް އަހަރެން ބޭސްކަމެވެ.
ދޮންތަގެ އެދުމުގެ މަތިން މަންމައާ ބައްޕަ އަހަރެން ގޮވައިގެން މާލެދިޔައީ ޑޮކްޓަރަށް ދައްކާށެވެ. އޭރު ކިޔަވާނިމިގެން ދޮންތަ އުޅެނީ ނަރސިން ކޯހުގައެވެ.
" ކޮއްކޮއަށް ކިހިނެއްވެފަ މިހުރީ؟ ހާދަ ބޮޑަކަށް ހިކިފަ؟ މިވަރުވާއިރުވެސް މަންމަމެން އަހަރެންގާތު ނުބުނަމެއްނު! "
ހިތްހަމަ ނުޖެހޭ ރާގެއްގައި ދޮންތަ މަންމައާއި ދިމާލަށް ބުނެލިއެވެ.
" މާބޮޑުކަމެއްނުވެޔޭ! ހުންއަންނަނީ.. ހުން އަންނާތީ ނުކެވޭނެއެއްނު! އެހެންވެގެން ހިކުނީ! އެހެން ނޫނަސް މިސޮރު ނިކަން ފިނޑިވެސްވާނެ! މަންމަ އަބަދުވެސް ކިޔަން ފިރެހެން ކުދިން ހިތްވަރު ހުންނާނޭ! ހިތްވަރު ކުރާށޭ! "
މަންމަ އެހެން ބުނުމުން ދޮންތައަށް ދެފަރާތަށް ބޯހޫރާލެވުނުތަން އަހަރެން ދުށީމެވެ.
ޑޮކްޓަރަށް ދެއްކި ދުވަހު މާބޮޑަށް ހުންގަދަވެގެން، އައިޖީއެމްއެޗްގައި އަހަރެން އެޑްމިޓްކޮށް ފަރުވާ ދޭން ފެށިއެވެ.
" އިރުކޮޅަކުން ނަތީޖާތައް ލިބޭނެ! ކޮއްކޮއަށް ދެރަގޮތެއް ނުވާނެ އިންޝާﷲ"
އަހަރެންގެ ބޮލުގައި ފިރުމާލަމުން ދޮންތަ ބުންޏެވެ. އެމީހުން ދައްކާ ވާހަކަތައް އަޑުއިވުނު ނަމަވެސް އަހަރެން އޮތީ އަނގައިން ބުނެލަންވެސް ނުކެރިފައެވެ. ބޮލުގައި ރިހޭވަރު ގަދަކަމުންނެވެ. އޭރުވެސް ރިޕޯޓްތަކުގެ އިންތިޒާރުގައި ދޮންތަ އިރުއިރުކޮޅުން ގަޑިބަލަމުންދެއެވެ.
" މަންމާ! އަހަރެން އަންނާނަން ޑޮކްޓަރ ރޫމަށް ގޮސް! "
ދޮންތަ އެހެން ބުނެ ހިނގައިގަތެވެ.
އަހަންނަށް ހޭލެވުނީ އަހަރެންގެ މޭމަތީގައި އޮވެގެން ދޮންތަ ރޯއަޑަށެވެ. ލޯހުޅުވާލެވުމާއެކު އަހަރެންގެ ދެފަރާތުގައި ކޮޅަށްތިބި މަންމައާއި ބައްޕަވެސް ފެނުނެވެ. އެމީހުންގެ ދެލޮލުންވެސް ކަރުނަތައް ފައިބަމުންދާތަން ފެނުނެވެ. އެހެންކަމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އަހަންނަށް ކޮންމެވެސްކަމެއް ވެއްޖެކަން އެނގުނެވެ. އަހަރެން މަޑުމަޑުން އަތްއުފުލާ ދޮންތަގެ ގައިގައި އަތް ޖައްސާލީމެވެ.
" ކޮއްކޮ ގެއްލޭކަށް ބޭނުމެއް ނޫން! "
ރޮމުން ރޮމުން ދޮންތަ އަނެއްކާވެސް ބުނަމުން ދިޔައެވެ.
" އަހަންނަށް ކިހިނެއްވީ؟ "
ބިރުގަނެފައިވާ އަހަރެންގެ ހިތް އޭރުވެސް ބާރުބާރަށް ތެޅެމުންދެއެވެ.
" ދޮންތާ! ބުނެބަލަ! އަހަންނަށް ކިހިނެއްވީ ؟ "
އަހަރެން އަނެއްކާވެސް އެހީމެވެ. އެއާއެކު ދޮންތަ ތެދުވެ އަހަރެންގެ މޫނަށް ބަލާލިއެވެ.
" ކޮ...ކޮއް..ކޮއްކޯ!.. "
" ހޫމް.. ބުނެބަލަ! "
އޭރުވެސް އަހަރެން އޮތީ އޮތް ގޮތަށެވެ. ދޮންތަގެ ޖަވާބަކަށް މާގިނައިރަކު އަހަންނަކަށް އިންތިޒާރެއް ނުކުރެވުނެވެ. ތަންކޮޅެއް ބާރަށް އަނެއްކާވެސް އަހާލެވުނެވެ.
" ލޭގެ...ކެ..ކެންސަރ...."
ބުނަން ނުކެރިފައި ހުރި ކަހަލަ ގޮތަކަށް ދޮންތަ ބުނެލިއެވެ.
" ސަލާމަތްވާނެ؟ ކިތައްވަން ސްޓޭޖް؟ "
ކަތި ގޮތަކަށް އަހަރެން އަހާލީމެވެ. ބިރުން އޮވެއެވެ.
" ސްޓޭޖް...ފޯރ "
ދޮންތަ އެހެން ބުނުމާއެކު އަހަންނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.
" ބާކީ... ކިތައް މަސް؟ "
ލޮލުގެ ތެރެއިން ފެންނަ އަނދިރިގަނޑަކީ ދެން ދުވަހަކުވެސް އަހަންނަށް އަލިވުމެއްނެތް މަންޒަރެކޭ ހީވުމުން އަހަރެން އަހާލީމެވެ.
" ދެމަސް ދުވަސް..."
ގަދަކަމުން ކަހަލަ ގޮތަކަށް ދޮންތަ ބުނެލިއެވެ. އެއާއެކު ބިރުން އަހަރެންގެ މުޅި ހަށިގަނޑު ރޫރޫ އަޅަންފެށިއެވެ. އެއްވެސް މީހަކަށް އެމީހެއްގެ އަޖަލު ޖެހޭނެ ދުވަހެއް ނޭނގެއެވެ. ނަމަވެސް މިބަލީގައި އަހަރެން ދިރިހުންނަން އޮތީ ގާތްގަނޑަކަށް ދެމަސްދުވަސްވަރުކަން އެނގުމުން އަހަރެން ވަރަށް ބިރުގަނެއްޖެއެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން އެނގޭއިރުވެސް މިވަރަކަށް އަހަރެން ބިރެއް ނުގަނެއެވެ. ނަމަވެސް މަރު އައިސް ބޯމަތިވެއްޖޭ ހީވުމުން އިންތިހާއަށް ބިރުގަތެވެ.
" އަހަރެން އަދި ތައްޔާރެއް ނޫން! އަހަރެން ދާކަށް ތައްޔާރެއް ނޫނޭ ދޮންތާ! "
އެނދުން ތެދުވެ އަހަންނަށް ބާރުބާރަށް ރޮއިގަނެވުނެވެ.
" ނުދާނަން.. އަހަރެން ބޭނުމެއް ނޫން ދާކަށް! އަހަރެން ބޭނުން ސަލާމަތްވާން! "
ކުރިއަށްވުރެ ބާރަށް ދޮންތަގެ ގައިގައި އަހަންނަށް އޮޅުލައިގަނެވުނެވެ. އެއާއެކު މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ބާރަށް ރޮމުންނެވެ. މަންމައަށް ސަމާލުވެގެން ހުރި ބައްޕަވެސް ރޯއަޑު އަހަންނަށް އިވެއެވެ. ހިތް ފުރެންދެން ރޯލުމަށްފަހު އަހަރެން މައިތިރިވީމެވެ. ޙަޤީޤަތް އަހަރެންވެސް ޖެހޭނީ ޤަބޫލުކުރަންކަން އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އެކަމަކު ހަމަ ބިރުގަންނަނީއެވެ. ދެރަވަނީއެވެ. ހާސްވަނީއެވެ. ދުވަސްކޮޅުމަދޭ ހީވަނީއެވެ.
" އަހަންނަކީ ފިރެހެން ކުއްޖެއް! އަހަންނަށް ކެތްވާނެ! "
އަހަރެން އެހެން ބުނުމާއެކު އިސްޖަހާލައިގެން އިން މަންމައާ ބައްޕަ އަހަންނަށް ބަލާލިއެވެ. އަދި އެނދުގައި ބޯއަޅާލައިގެން އިން ދޮންތަވެސް ބޯހިއްލާ އަހަންނަށް ބަލާލިއެވެ. ހުރިހާ އެންމެންގެ ނަޒަރު އަހަންނަށް ހުއްޓުމާއެކު އަހަރެން ދެލޯމަރާލީމެވެ. އަދި ހިތުގައިވާ ހުރިހާ އުދާސްތަކެއް ބަންޑުންކޮށްލަން ބޭނުންވިއެވެ.
" އާނ! އަހަންނަކީ ފިރެހެން ކުއްޖެއް! ކޮންމެ ފަދަ ކަމެއްގައިވެސް ފިރެހެންކުދިންޖެހޭނީ ކެތްކުރަން! މިއީ އަހަރެންގެ މަންމައާ ބައްޕަ އަބަދުވެސް އަހަރެންގާތު ބުނާއެއްޗެއް! "
އަހަރެންގެ ވާހަކަ ހުއްޓާލުމުންވެސް އެއްވެސް މީހަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެންކަމުން އަނެއްކާވެސް އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
" ކިތަންމެ ދުރަސް، އަހަރެން ޖެހުނީ ހިނގާފަ އަންނަން! ދޮންތަ ފައިގަ ރިއްސާނެތީ ދޮންތައަށް ބައިސްކަލް ގަނެދިނީ! ހުރިހާ ކުދިންތައް ބައިސްކަލްގައި ގެއަށް ގޮސް ސައިބޮއިގެން ގަޑިއަށް ސްކޫލަށް އެނބުރި އާދޭ! އަހަރެން ގިނަ ދުވަސް ދުވަހު ދިޔައީ ގަޑިޖެހިގެން. ސްކޫލާ އެންމެ ދުރީވެސް އަހަރެންގެ ގެ! އެކަމަކުވެސް އަހަންނަށް ބައިސްކަލެއް ގަނެ ނުދިނީ އަހަރެން ފިރެހެން ކުއްޖަކަށްވީމަ، ވަރުބަލި ނުވާނެތީ! ފައިގަ ނުރިއްސާނެތީ! އެއީ އަހަރެންގެ ލޯބިވާ މައިންބަފައިން އެދުވަހު ނިންމި ނިންމުން..!"
އަހަރެން އެވާހަކަ ދައްކަން ފެށުމުން މަންމައާ ބައްޕަ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
"ހުޅަނގުގެ ފިނި ރޭރޭ ކިތައްރޭ އަހަރެން ނުނިދިގެން ފުރޮޅުނީ! ހީކަރުވާތީ އެނދު ދަށަށްވެސް ވަންނަން! ދެކަކޫ އަނގަޔަށް އަންނަވަރަށް ކުރުވެގެން އަހަރެން އޮއްވާ ކިތައްރޭ މަންމަ ގޮސް ދޮންތަ ގައިގައި އަރާމުރަޖާގަނޑު އަޅައިދިނީ؟ ހިތަށް އެރި މަންމައަށް އަހަރެންގެ އިޙްސާސްތައް އޭރު ނޭނގުނީ ކީއްވެބާއޭ؟ ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް މަންމަމެން ދޮންތަ މާލެ ފޮނުވީ! އަހަރެން ބެހެއްޓީ ރަށުގަ! އަހަންނަށް އެނގޭ މާލޭގޭ ދައްތަ އަހަރެންވެސް ގެންނަން ބުނިކަން! އެކަމަކު މަންމަމެން އަހަރެން ރަށުގައި ބެހެއްޓީ! ދޮންތައަށް ފޮނުވަން ނަން ހުސްކޮށް ކާއެއްޗެހި ހޯދައިގެން އަހަރެންގެ ލޯކުރިމަތީގަ ބަންދުކުރަނީ! އެންމެ ދުވަހަކު ކޮތަޅަކުން ކުންނާރެއް ނެގީތީ އެވެސް އަތުލީ! އެދުވަހު ހިތަށްއެރި، ފަންސާހަކަށް ކުންނާރުގެ ތެރެއިން އެންމެ ކުންނާރެއް އަހަރެން ނެގިޔަސް ދޮންތައަކަށް މަދެއް ނުވާނެޔޭ! އެއީ އަހަރެން ވަރަށް ދެރަވި ދުވަހެއް! އަހަރެން ހުން އަންނަން ފެށީމަވެސް މަންމަ އަހަންނަށް ބުނެދިނީ އަހަރެންގެ ފިނޑިކަން! ފިނޑިއަކަށް ނުވާން ވެގެން އަހަރެން ކިތަންމެ ބައްޔަސް ތެދުވެ އުޅެންފެށީ! ކިތައް ރޭ ހުން އައިސްގެން އަހަރެން ޚަބަރު ހުސްވާނީ؟ ކިތައްރޭ އަހަންނަށް ވާނުވާ ނޭނގި އުޅެވުނީ؟ މަންމަމެން އަހަންނާމެދު ފަރުވާކުޑަ ކުރީ އަހަންނަކީ ފިރެހެން ކުއްޖަކަށް ވީމަތަ؟ ފިރެހެން ކުއްޖަކަށްވިޔަސް މިސޮރުގެ ހަށިގަނޑުގައިވެސް ވަރަށް ނާޒުކު ހިތެއް ވެޔޭ މަންމާ! އަސަރުވެސް ކުރާނެ! ދެރަވެސްވާނެ! ވަރުބަލިވެސްވާނެ! ބަނޑުހައިވެސްވާނެ! ތަދުވެސްވާނެ! ލަދުވެސް ގަންނާނެ! މީރު އެއްޗެހި ކާހިތްވެސްވާނެ! ރީތި އެއްޗެހި ލާހިތްވެސް ވާނެ! ލޯތްބާ އަޅާލުމާ ކުލުނާ ރަޙުމާ ޙަމްދަރުދީވެސް ބޭނުންވާނެ! ފިރެހެން ކުއްޖަކަށްވުމަކީ ހުރިހާ ކަމަކުން މަޙްރޫމް ވުމެއް ނޫން! އެކަމަކު އަހަރެންގެ މައިންބަފައިން އަހަރެން ހުރިހާ ކަމަކުން އެކަހެރިކޮށްލީ! ބާކީކޮށްލީ! ތަފާތު ކުރީ! އެއްކަމަކުން ދެކަމަކުންނެއް ނޫން! ހުރިހާ ކަމަކުން ހުރިހާ ގޮތަކުން ދޮންތައާ އަހަރެން ތަފާތު ކުރީމެއްނު؟ އެކަމަކުވެސް އަހަރެންގެ ހިތް ހެޔޮ! ދުނިޔޭގައި ހޭދަކުރެވުނު ސޯޅަ އަހަރު އަހަރެން މިހޭދަކުރީ ތިޔަ މައިންބަފައިންނާއެކު! އިތުރަށް ގިނަ ދުވަހު އުޅުމުގެ ނަސީބު އަހަންނަށް ލިބިފައެއްނުވޭހެން ހީވަނީ! މިސޮރަށް ކުށެއް ކުރެވިފައިވާނަމަ މަޢާފްކުރޭ މަންމާ! ބައްޕާ! ދޮންތާ! "
ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށްފަހު އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. އޭރުވެސް މަންމަމެން ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މަންމައަށް މަޢާފްކުރުމަށް އެދި އަހަރެންގެ ބޮލާއި ލޮލުގައި ބޮސްދެމުންދެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދުނިޔޭގައި ހުރި އިރު އަހަރެންގެ އިޙްސާސްތަކެއް އެމީހުންނަކަށް ނޭނގުނެވެ. ނަމަވެސް އަހަރެން ދުނިޔެ ދޫކޮށް ދިޔުމުގެ ކުޑަ އިންޒާރަކުން ، ނުވަތަ އަހަންނަށް އޮތް ވަގުތުކޮޅު ކުޑަވުމާއެކު އަހަރެންދެކެ އިންތިހާއަށް ލޯބިވާންފެށީއެވެ. ދުނިޔެއަކީ ހަމަ މިހާ ނުބައިތަނެއްހެއްޔެވެ؟ އާނއެކެވެ. މިއީ ވަގުތީ ތަނެކެވެ.. މިއީ ހުވަފެނީ ދުނިޔެއެކެވެ. ދާއިމީ މަންޒިލްއަދި އޮތީއެވެ. އަހަރެންގެ ހިތް ރޮއްވާލިޔަސް، ޚާލިސް ހިތަކައިގެން އަހަރެން އެންމެންނަށް މަޢާފްކުރީމެވެ. އަހަންނަށް ހެޔޮދުޢާކުރުމަށް އެދެމުންނެވެ. ދުޢާގައި އަހަރެންގެ ނަން ޝާމިލްކުރުމަށް އެދެމުންނެވެ.
( ނިމުނީ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!