ގާނޫނީ އަދަދު ހަމަނުވާތީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީޕާޓީގެ ޤާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެ ދެ ޕާޓީއަށް ދެވުނު 3 މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި ދެ ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ، ދަރަންޏަށް ޒިންމާވާނީ ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު، ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހިރައްޔިތުންގެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އުނިކޮށްފައިވާކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުންނެވެ. ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!