ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 73,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 582 މީޓަރުގެ އެއްގަމުތޮށި ލުމާއި، 2,840 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރިއަށް ހުރީ 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

މިއީ 82.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.