މާލެ ގްރޭންޑާއި ގާކޮށީގެ ފްލެޓުތަކުގައި އުސޫލާ ޚިލާފަށް ހުރި ކަންކަން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަނގަޅުކުރުމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.
އެ ކުންފުނިން އިއްޔެ ލ ބުނީ މއ. ވޭވްސައިޑް (މާލެ ގްރޭންޑް) އި ގާކޮށި ފްލެތުތައް ހިމެނޭ އެއްމެދު އިމާރާތްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމާބެހޭ އުސޫލު، އަދި ސަރުކާރުގެ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ ޚިލާފަށް އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން އަމަލު ކުރާކަން ފާހަގަކުރެވިފައި ވާކަމަށެވެ.
އެޗްޑީސީން ބުނީ އިމާރާތުގެ އާއްމު ބައިތަކުގައި ގަސްމުއްޓާއި ފަރުނީޗަރާއި ކުންޏާއި އެހެނިހެން ހިފާގެންގުޅޭ ތަކެތި ބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭސީ އައުޓްޑޯރ ޔުނިޓުގެ ފެންހޮޅިތަކުން ތިރިއަށް ފެން ލީކުވާގޮތަށް ދޫކޮށްލާފައި ހުންނަަކަމާއި، އިމާރާތުގެ އަލިފާން ނިއްވާ ނިޒާމުގެ ފަޔަރ ހޯސް ބޮކްސްތަކުގެ ކައިރީގައާއި އޭގެ މަތީގައި ތަކެތި ބަހައްޓާފައި ހުންނަކަންވެސް ފާހަގަކުރެވިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިފަދަ ކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އެތަންތަނުގައި ދިރިއުޅޭ ފަރާތްތަަކަށް އަންގާފައިވާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ، މިފަދަ ކަންކަމަކީ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ގެންލިގެންދާފަދަ ކަންކަމަށް ވުމުން، އިމާރާތުގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ ލާބައަށްޓަކައި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ފްލެޓުގައި ދިރިއުޅޭ މީހުންގެ އަމަލުތައް އިމާރާތުގެ އުސޫލުތަކާ އެއްގޮތައް ބެހެއްޓުމަކީ އެ ފްލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ މާލެ ގްރޭންޑާއި ގާކޮށީގެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އުސޫލާ ޚިލާފަށް ކޮށްފައިވާ ކަންކަން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަނގަޅު ކުރުމަށް އަންގާފައެވެ.
އެ ތާރީހުގެ ކުރިން ރަނގަޅުނުކުރާނަމަ ފްލެޓު ވިއްކުމުގެ އެއްބަސްވުމާއެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެޗްޑީސީން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!