ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާއިރު ދިވެހިން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް!

EKeKNDmU4AA0VO5

އިހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓްފަހަރު ބަނދަރަށް ލެފުމުން އެ ބޯޓްފަހަރު ބަލާ ފާސްކުރުމަށް މީހުން އަރައެވެ. އޭރުގެ އޮޑިފަހަރު ފަރުމާ ކޮށްފައިހުންނަ ގޮތުން ގެންނަ މުދާ ބަރުކޮށްފައި ހުންނަނީ ބޯޓްގެ އަޑިއަށް ހަދާފާހުންނަ ފަލްކާގައެވެ. ނުވަތަ ވަތުގައެވެ. އެހެންކަމުން މިގޮތަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ބަލާ ފާސްކުރުމަށް އޭގެ ފަލްކާއަށް މީހުން ފޭބުމުގެ ކުރިން ވާގަނޑެއް އައްސާފައި ފުޅިބައްތިއެއް ރޯކޮށްފައި ފަލްކާގެ ތެރެއަށް ބާލައެވެ.

އިރުކޮޅަކު ބެހެއްޓުމަށްފަހު ވާގަނޑަށް ދަމާ ފުޅިބައްތި ނަގާއިރު އޭގެ ހުޅުކޮޅު ނިވިފައިވާނަމަ ފަލްކާއަށް މީހުންނެއް ނުފައިބާނެއެވެ. މީހުން ފައިބާނީ ބައްތީގެ ހުޅުކޮޅު ނުނިވި ހުރި ނަމައެވެ. އޭގެ ބޭނުމަކީ އެ ފަލްކާގެ ތެރޭގައި އޮކްސިޖަން ހުރި މިންވަރު ވަޒަން ކޮށްލުމެވެ. އަލިފާން ރޯވުމަށް އޮކްސިޖަން ބޭނުންވާތީ އެވަތުގައި އޮކްސިޖަން ނެތްނަމަ ހުޅުކޮޅު ނިވޭނެއެވެ. އެހެންކަމުން އިންސާނަކު ފަލްކާއަށް ބޭލުމުގެ ކުރިން އެތަނުގައި އޮކްސިޖަން ހުރިތޯއާއި، އޭނާއަށް އެތަނުގައި ކެތްވާނެތޯ ބަލާ ވަޒަން ކުރަންޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ ތެރެއިންވެސް ފެނިގެން މިދަނީ މިފަދަ މަންޒަރުތަކެކެވެ. "ބައްތި ބޭލުމެވެ." ދިވެހި ރާއްޖެ މިސްރާބު ހިފާފައިވާ ގޮތައް ބަލާއިރު ކޮންމެ މީހަކަށްވެސް ފެންނަނީ ކަޅުކަމާ އަނދިރިކަމެވެ. ނާމާންކަމާ ބިރުވެރިކަމެވެ. އަޅުގަނޑުމެން އެ އަޤީދާއެއްގެ މަތީގައި ސާބިތުވެތިބި ހައްޤު އަޤީދާ ބަލިކަށިކޮށް ނިކަމެތިވަމުންދާކަމުގެ ބިރުވެރި ރަނގަބީލު ޖަހަންފެށީ އަދަކު އިއްޔެއަކު ނޫނެވެ.

ނުރައްކަލުގެ މި ރަނގަބީލުހުއްޓުމެއްނެތި ޖަހަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މި އަޤީދާ ނިކަމެތިކޮށްލުމަށް އަދާވާތްތެރިން ބޭނުންކުރަނީ އިންސާނީ ހައްޤާ، އަންހެނުންގެ ހައްޤާ، ކުޑަކުދިންގެ ހައްޤާ، ޑިމޮކްރަސީ ފަދަ ތަފާތު ނަންތަކެވެ. ނަމަވެސް އެބައިމީހުންގެ ހަޤީޤަތާއި ވިސްނުން މެންދުރުގެ އިރުފަދައިން ސާފެވެ. ބޭނުމަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނުގެ އަސާސްތަކަށް ދީފައިވާ ލޯތްބާއި ޤަދަރު ކުޑަކޮށްލުމެވެ. އެއްވެސް ހާލެއްގައި ދިވެހިންނަކީ މާ ދީންވެރި ބައެކޭ އަޅުގަނޑު ނުދަންނަވަމެވެ. ދަންނަވާނޭ ޖާގައެއް އޮތްކަމަކަށްވެސް ނުދެކެމެވެ.

އެހެނަސް ދެބަސްވެވެން ނެތް ހަޤީޤަތަކީ އިސްލާމްދީނުގެ އަސާސްތަކާއި އެދީނަށް ދިވެހިންގެ ހިތުގައި ދީފައިވާ ލޯތްބާ ގަދަރު ދެމިއޮތްކަމެވެ. ދީނުގެ އަދާވާތްތެރިންނާއި، ދިވެހި ޤައްދާރުން ލޮލުފިޔަނުޖަހާ ބުރަ އެތައް މަސައްކަތްތަކެއް ކުރަމުން ދިޔަނަމަވެސް ގިނަ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ އެދީނުގެ އަސާސްތަކަށް ތަބާވާބައެއްކަމުން އެމީހުންގެ އަޤީދާ ނިކަމެތިކޮށް ހީނަރުކުރުމުގައި އަދާވަތްތެރިންނަށް މާކަބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމެވެ.

ޤައްދާރުންގެ އެކި ހަމަލާ އެކި ދުވަސްވަރު އެކި ގޮތްގޮތައް ދިވެހިން މިދަނީ ދެކެމުންނެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި އެމީހުންގެ ޕްލޭން ތަންފީޒުކުރުމަށް އެބައިމީހުން ތިބީ ފޫގަޅައިގެންނެވެ. އެ މަސައްކަތުގެ ބޮޅަށް އިތުރުކޮށްލި އައު ބޮޅަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް ޑީ އެން) އިން އިސްލާމްދީނުގައި ހައްދަފަހަނައަޅާފައިވާ މިންވަރު ދެނެގަތުމުގެ ނަމުގައި ހެދި ދިރާސާ ރިޕޯޓްގައި އިސްލާމްދީނާއި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ ހައްދުތަކާއި ރަސޫލުﷲ ﷺ ގެ ސުންނަތުން ސާބިތުވާ މަތިވެރި މުޢުޖިޒާތްތަކަށް މަލާމާތްކޮށް އެއީ ފްލޯކް ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްދައްކާ ދިވެހިންނަށް ދޫކޮށްލި ރިޕޯޓެވެ.

އެޔާއެކު ދިވެހި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންގެ ލޭ ކެކިގަތެވެ. މާދީންވެރި ނޫންނަމަވެސް އިސްލާމްދީނާމެދު އެ އަޚުންނާއި އުޚްތުންގެ ހިތުގައި އޮތް ޤީރަތްތެރިކަމުގެ ހުޅުކޮޅުގެ އަލުންބޮޑުވެ އަދަންފެށިއެވެ. އެއާއިއެކު ދީނުގެ ޤައްދާރުން އެމީހުންގެ މަސައްކަތް ވަޒަންކޮށް ދިވެހިންގެ ހާލަތުދެނެގަތުމަށް ބާލާލި ބައްތީގެ ހުޅުކޮޅު ކަނިކޮށް ނިއްވާލައިފިއެވެ. ހޯހޯ ގޮވަމުން އެމީހުން ބޭލި ބައްތި ނަގާ އަނެއްކާވެސް ކުޑަކޮށް އެއްފަރާތްވެލީއެވެ.

އާނއެކެވެ. އަދާވާތްތެރިން ކުރަމުން އެގެންދާ މަސައްކަތަކީ ދޭތެރެ ދޭތެރެއިން މިފަދަ ރިޕޯޓްތަކާއި، ފޯރަމްތަކާއި، ސޯޝަލް މީޑިއާގެ ގްރޫޕްތަކާއި ޕޭޖްތައް މެދުވެރިކޮށް އިސްލާމްދީނާމެދު ދިވެހިންގެ ހިތުގައި ޝައްކު އުފެއްދުމުގެ މަސައްކަތެވެ. އެއީ ވަކި ރާގަކަށް ހަމަޔަކަށް ފެތިގެން ރޭވިގެން ކުރަމުންގެންދާ މަސައްކަތްތަކެކެވެ.

އެގޮތުން އެކަމުގައި މައިގަނޑު ދެ މަޤްޞަދެއް އެބައޮތެވެ. އެއްކަމަކީ މިފަދަ ވާހަކަތައް ދިވެހިންގެ ތެރޭގައި ގިނަ ގިނައިން ފަތުރާ އެފަދަ ވާހަކަ ތަކަކީ އާންމު ވާހަކަތަކެއްކަމުގައި ހެދުމެވެ. އަދި އެވާހަކަތައް މީހުންގެ ކަންފަތުގައި ހަރުލައްވާ އެއީ އާދައިގެ ކަމެއްގެގޮތުގައި ފަތުރާ އާންމުކުރުމެވެ. މިކަމުގެ ދެވަނަ އަދި އެންމެ މުހިންމު މަޤްސަދެއްގެ ގޮތުގައި މިމަސައްކަތް ފުޅާކޮށް ވަރުގަދަކޮށް ދޭތެރެ ދޭތެރެއިން އާންމުގެ ތެރެއަށް ދޫކޮށްލަނީ ބޯޓުގެ ފަލްކާއަށް ބައްތި ބާލާ އުޞޫލުންނެވެ.

ދިވެހިންގެ ވިސްނުމާއި އެމީހުންގެ އެ ފިކުރު ދިވެހިން ބަލައިގަންނަމިންވަރު ނުވަތަ އެއަސް ރިއެކްޓްކުރާގޮތް ވަޒަންކޮށްލުމަށެވެ. އެމީހުންގެ އެ ތިރިކުރާ ބައްތީގެ ހުޅުކޮޅު ނިއްވާ ނުލެވިއްޖެނަމަ އެމީހުން ފަލްކާއަށް ފައިބާނެއެވެ. އަދި ދިވެހިންގެ އަޤީދާ ފަސާދަކޮށް މި ލޮބުވެތި ވަޠަނުގައި ޒަމާނުންސުރެ މިއޮތް އިސްލާމްދީނުގެ ނޫރު ކަނިކުރާނެއެވެ. އެހެނަސް ދިވެހި މުސްލިމުން އެމީހުންނަށް އެފުރުޞަތު ނުދޭނެއެވެ. އެމީހުންގެ ބައްތި ނިއްވާލާނެއެވެ. އެއީ ވެރިން އެކަމުގައި ފިޔަވަޅު އެޅިޔަސް ނޭޅިޔަސްވެހެވެ.

-ނުނިމޭ-

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *