ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކުންކުރެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަގާމަށެވެ.
ޖޭޕީގެ ނައިބު ލީޑަރަކަށް 12 ބޭފުޅެއް ވާދަކުރައްވާއިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ހއ. ވަށަފަރަށް އުފަން، ބޮޑުތިލަދުންމަތީގެ ޚިދުމަތްތެރިޔާ އަލްމަރްޙޫމް ވަށަފަރު އާދަމް ކަލޭފާނު ( ވަށަފަރު އާދަމްބެ)ގެ އިގްބާލް އާދަމެވެ.
ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އިގްބާލަކީ މިހާރު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާޙީމްގެ އެގްޒެކްޓިވް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ، ކުރީން ޤާސިމްގެ ޕާސަނަލް ސެކްރެޓަރީގެ މަގާމް އަދާކުރައްވާފައިވާ ގާބިލް ތިލަދުންމަތީގެ ދަރިއެކެވެ.
ޖޭޕީގެ ލީޑަރުކަމަށް ޤާސިމް އައު ދައުރަކަށް ކުރިމަތިލައްވާފައިވާއިރު، ޖޭޕީއާއެކު އެމަނިކުފާނު ކުރައްވާ ދަތުރުގައި އަތްދޮށު އެހީތެރީން ގޮތުގައި އެ މަނިކުފާނު ދަންނަ، ގާބިލު އިތުބާރު ކުރެވޭ މީހުން ތިބުމަކީ ފަހި ވައިގައި ޖޭޕީގެ އޮޑި އަމާން އައްސޭރިއަކަށް ބަނދަރު ކުރުމަށް އޮތް އެންމެ ފަސޭހަކަން ލިބިދޭނެ މަގުކަމުގައިވާއިރު، ނައިބު ލީޑަރުންގެ ލިސްޓުން އިގްބާލަށް ޖާގަ ލިބިދޭންޖެހޭ ކަމަށް މިއީ އެ ޕާޓީގެ މެންބަރުން ވިސްނާލުން މުހިންމު ނުކުތާއެއް ކަމަށް ޖޭޕީގެ ހަރަކާތްތެރި މެންބަރަކު ބުނެފަވެއެވެ.
އިގްބާލް، ގާސިމްގެ ޕީއެސްގެ މަގާމު ފުރުއްވި ދުވަސްވަރު،
''ލީޑަރުގެ ހިތްވަރު، އަހުރެންގެ ފަންވަރު'' މޮޓޯގެ ދަށުން އިގްބާލް ޖޭޕީގެ ނައިބު ލީޑަރުކަމަށް ކަމަރު ބަންނަވައިގެން ހުރީ ޖޯޝާއި އަޒުމްގައެވެ. ޕާޓީ ހިންގުމާއި، އިދާރީ ހިންގުމުގެ ތަޖުރިބާގެ އިތުރުން އޭނާގެ މާޒީގައި ފުރުއްވި ޗެއާމަންކަމާއި، ބޯޑު މެންބަރުކަމާއި، ޑިރެކްޓަރކަން ފަދަ މަގާމުތަކުން ޖޭޕީގެ ކުރިމަގު އުޖާލާކުރުމުގެ ބައިވެރިއެއްގެ ގޮތުގައި އޭނާ ހޮވައި ދިނުމަށް އިގްބާލް ވަނީ ޕާޓީގެ މެންބަރުން ކިބައިން އެދިފައެވެ.
އިގްބާލްގެ ކެންޑިޑޭޓް ނަންބަރަކީ 9 އެކެވެ.
''އަޅުގަނޑު މި މަގާމަށް މި ވާދަކުރަނީ ޕާޓީގެ ލީޑަރޝިޕާއި، ގްރާސްރޫޓާއި އާންމު މެންބަރުން ބަދަހި ގުޅުމަކުން ގުޅާލަ ދިނުމުގެ އަޒުމްގައި'' އިގްބާލް ވިދާޅުވެފަވެއެވެ.
އިގްބާލަކީ މާލޭގައި އިމާމުވެ ހުކުރު، ޢީދު އަދި ކޭތަ ނަމާދު ކުރަމުންދާތާ މެދުނުކެނޑި މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ، 2004 ވަނަ އަހަރުން ފެށިގެން ސިޔާސީ ދާއިރާގައި މެދުނުކެނޑި ޙަރަކާތްތެރިވަމުން އަންނަ މިހާރުވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!