8 ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވައިފިއެވެ.
މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރާއްޖެއަށް އަލަށް ސަފީރުން ކަނޑައެޅުއްވިި ގައުމުތަކަކީ، މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުންނެވެ.
އެގޮތުން އެ 8 ޤައުމުގެ ސަފީރުންނަކީ، މޮންގޯލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންބޯލްޑް ޑަމްބަވް، ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް، ރަޝިޔަން ފެޑެރޭޝަނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ލިވަން އެސް ޖަގަރްޔަން، ސާރބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސިނިސާ ޕަވިޗް، ހެލެނިކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ، ރިޕަބްލިކް އޮފް ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަތާޔާ ވޮޑެބްއ ގޯޝް، ރިޕަބްލިކް އޮފް ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ، އަދި ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ވޯލްޝް އެވެ.
Congratulations to Ambassador of the #HellenicRepublic to the Maldives Dimitrios Loannou, on presenting his credentials to President @ibusolih today
Confident that the friendly relations between Maldives and the Hellenic Republic will be further strengthened during your term pic.twitter.com/l5UztUoNoW
— Abdulla Shahid (@abdulla_shahid) February 19, 2023
ދިވެހިރާއްޖެއާ އެހެން ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ރައީސް ދެއްކެވި ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައި ވާކަމަށާ، އެކަން ޙާޞިލްކުރުމުގައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙިމާޔަތްކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
"ދަތުރުފަތުރުކުރުމުގައި ލުއިފަސޭވުމަކީ، ޘަޤާފީ ގުޅުންތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާޞިލްވެވޭނެ ފާލަމެއް"
މިރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!