ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ބައްދަލުވުންތަކެއް އަތޮޅުތަކުގައި ބާއްވަން ނިންމާ އެބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުމަށް ނ. ރ. އަދި ޅ. އަތޮޅަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލުތަކުން ކަންބޮޑުވުންތަކެއް ލިބެމުން ގޮސްފައިވާތީ އެ ދަތުރުގައި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.

Ad
rt

"ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި މި ބާއްވާ ސިމްޕޯސިއަމްތަކަކީ ހުރިހާ ކައުންސިލްތަކަކަށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލެއްގެ އިތުރުން އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެއަތޮޅަކަށް ނިސްބަތްވާ ރިސޯޓުތަކަކާއި އެއަތޮޅެއްގައި ހުރި ރަޖިސްޓާޑް ގެސްޓްހައުސްތައް ބައިވެރިވާނެ،"

މިނިސްޓަރ ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ސިމްޕޯޒިއަމް ފުރަތަމަ ބާއްވަނީ ނ. ރ. އަދި ޅ. އަތޮޅުގައެވެ.

މި ސިމްޕޯސިއަމްގެ މަގްސަދަކީ އެ އަތޮޅެއްގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމާއި ޓޫރިޒަމް ދާއިރާގެ ތެރެއިން އަތޮޅުގެ އާންމު ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުން ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާ އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ޓޫރިޒަމް ޒޯނު ކަނޑައެޅުމުގައި އަތޮޅުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހަމަޖެހިފައިވެ އެވެ.

އެ ސިމްޕޯޒިއަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ސިމްޕޯސިއަމް ބޭއްވުމުގެ އިތުރުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ 178 ކައުންސިލަކުން މީހުން ގެނެސް، ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދީ އެކަމަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ތަމްރީނުތަކަށް ފަހު ކައުންސިލްތަކަށް، އެ އަތޮޅެއްގައި ހުރި ގެސްޓްހައުސްތައް އިންސްޕެކްޓްކުރަން ހަވާލުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.