މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.
މި އަދަދު ކަނޑައަޅާފައިވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ނަމަވެސް މި އަދަދު ފާސް ކުރާނީ މިއަހަރު ބާއްވަން ނިންމާފައިވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ 34 ލާރި ބޮޑު އަދަދެކެވެ. އެގޮތުން، 2021 ވަނަ އަހަރު އެ ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ހިއްސާއަކަށް ބަހާފައިވަނީ 2.70ރ. އެވެ.
އުރީދޫއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިސާ ބަހާނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންގެ މެދުގައެވެ.
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން ވަނީ ތާވަލު ކޮށްފައެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!