ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުމް ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާއިރު، ހާބަ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ، އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަވެސް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުމާއި، 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ އެއްގަމުތޮށި ލުމާއި، 6،858 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!