ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓް ތާވަލުގައި އެ ޓީމާއި ބާސެލޯނާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސޮސިއެޑާޑްއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު ބާސާ އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. ރޭގެ މެޗު ކާމިޔާބު ކޮށްގެން މި ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ރޭގެ މެޗު އެއްވަރުވުމުން ބާސާއާއި ރެއާލާއި ދެމެދު އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް އިތުރުވެފައެވެ. ރެއާލް ސޮސިއެޑާޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. އެ ޓީމަށް 19 މެޗުން ވަނީ 39 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ރެއާލްގެ ވިނީސިއަސްއަށް ލިބިގެން ގޮސްފައެވެ. ވިނީސިއަސް ބޯޅަ ހިފައިގެން ސޮސިއެޑާޑްގެ އޭރިއާތެރެއަށް ވަދެ ދުރުކަނަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.
ސޮސިއެޑާޑްގެ ޑިފެންސުން ހެދުނު ގޯހަކުން ލިބުނު ބޯޅައިގައި ބެންޒެމާ ވަނީ ވިނީސިއަސްއަށް ލަނޑު ޖަހަން ރަނގަޅު ފުރުޞަތެއް ފަހި ކޮށްދީފައވެ. ނަމަވެސް އޭނާ އޭނާ ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!