ރ. ދުވާފަރު ބަނދަރު ފުންކުރުމާއި ބޭރުތޮށީގައި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

Ad
rt

2,920 މީހުންގެ އާބާދީގެ ދުވާފަރަކީ މުރާލި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން ރަށުގައި މައިގަނޑު ގޮތެއްގައި 3 ބާވަތެއްގެ މަސްވެރިކަން ކޮށް އުޅޭއިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 އޮޑިފަހަރާއި، ބޮޑު ކަންނެއްޔަށްދާ 3 އޮޑިފަހަރާއި، ފާނައިގެ މަސްވެރިކަން ކުރާ 25 ދޯނި އެ ރަށުގައި އޮވެއެވެ.

މީގެ އިތުރުން، އޮޑިފަހަރު އެހެލާ ބަނުމުގެ މަސައްކަތްކުރާ 3 ހަރުގެ ހުންނައިރު، މާލެއާއި ދުވާފަރާއި ދޭތެރޭ މުދާ އުފުލުމަށް ދަތުރުކުރާ 3 އޮޑިފަހަރު އެ ރަށުގައި އޮވެއެވެ. ހަމައެހެންމެ ފަޅުތެރޭގައި ބައިވަރު ޑިންގީ އަދި ލޯންޗްފަހަރު އަޅާފައި އޮތުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަން އެ ރަށުގައިވެސް ވަރަށްބޮޑެވެ. އަދި މިދުވަސްކޮޅު ބަނދަރު ތިލަވުމުގެ ނުތަވަނަސްކަންވެސް ރައްޔިތުންތެރޭގައި ވަނީ އިތުރުވާން ފަށާފައެވެ.

މިއަދު ސޮއެކުރެވުނު މަޝްރޫއުގެ ދަށުން ދުވާފަރު ބަނދަރުގެ ބޭރުތޮށީގައި ކޮންކްރީޓް ޖެޓީއެއް ހެދުމާއެކު، ބަނދަރުގެ ޖާގަ ބޭނުންކުރުމުގައި އޮތް ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބަނދަރު ފުންކުރެވިގެން ދިޔުމާއެކު، ބަނދަރު ތިލަވުމުގެ ސަބަބުން އުފެދިފައިއޮތް ނުތަނަވަސްކަން ފިލާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 39,135 ކިއު ިބކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 154 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 10.59 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.