މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ބުނާ ލަގެޖު ނުފެންނަ ކަމަށާއި ނުފެންނަ އެއްޗެއް ހަވާލުނުކުރެވޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.
އެ އިދާރާ އިން މިހެން ވިދާޅުވީ، އެއަރޕޯޓު ތެރެއިން އަތުލައިގަތް 46 ކިލޯގެ ޑްރަގްސް ގެއްލިއްޖެކަމަށް މީޑިއާގައި ދައުރުވަމުންދާ ހަބަރާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ވިދާޅުވީ، ކަސްޓަސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި ކަސްޓަމްސްގެ ސަރވައިލެންސް ނުޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް، އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ ޕަސެންޖަރު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކުރާ ކަމަށެވެ.
މިހައިތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކަސްޓަމްސް އިން ބުނީ އިންޓެލިޖެންސަށް ލިބޭ މައުލޫމާތާއި ގުޅިގެން ބަލާފާސްކުރެވޭ ކޮންމެ ފަހަރަކީ މަސްތުވާތަކެތި އަދި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ފެންނަ ފަހަރެއް ނޫން ކަމަށެވެ.
އެހެންނަމަވެސް ކަސްޓަމްސް އަށް ލިބޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަލާފާސްކުރުމުގެ މަސައްކަތް ކޮންމެދުވަހަކު ވެސް ވަރިބަލިކަމެއް ނެތި ކަސްޓަމްސް އޮފިސަރުން ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައި ވެސް މަސްތުވާތަކެތި އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު އަހަރުކަން ވެސް ވަނީ ފާހަަގަ ކޮށްފަ އެވެ.
މީގެ އިތުރުން ކަސްޓަމްސް ގެ ގާނޫނުން ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް އެ އިދާރާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ އެ މުވައްސަސާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!