އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު މިއަދު ރާއްޖެއަށް ވަޑައިގެންނެވުމުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދާއި ނ. އަތޮޅު ކައުންސިލްގެ ރައީސާއި މާފަރު ކައުންސިލުގެ މެމްބަރުން ނެވެ.
ޖައިޝަންކަރު، މާފަރުން އެ އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދު އަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މިއީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމާއި ތަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހު ކުރުމާއި މަޝްރޫއުތައް ނިންމައި ތަންތަން ހަވާލުކުރުން އޮންނާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ހާމަކުރައްވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިރޭ އޮންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޭގެ ކުރިން ވެސް ޖައިޝަންކަރު ވަނީ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!