ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ހިދުމަތް ވިލިމާލެއަށް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލް ބަހުގެ ހިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ނަމަވެސް ވިލިމާލެއަށް އެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވިލިމާލޭގައި އެ ކުންފުނިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި ހަ އިލެކްޓްރޯނިކް ބަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހުންނާނެއެވެ. އަދި، 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް އޮންނާނެއެވެ. އެހެންކަމުން ޖުމްލަ އެއްފަހަރާ 15 މީހުންނަށް ބަހެއްގައި ދަތުރުކުރެވޭނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އުންމީދަކީ މިހިނގާ ޖަނަވަރީ މަސް ނިމުމުގެ ކުރިން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުންކަމަށެވެ. އަދި އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނައިރު މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ތައްޔާރުވެފައެވެ.