ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްްމިއްޔާތެއްގައި އެ މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ ރ. ވާދޫ އާއި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

Ad
rt

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ އިރު ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 55 މީޓަރުގެ ފަސް ބޮޑުހިލައިގެ ވައި ގްރޮއިން ގާއިމްކުރުމާއި އެ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 14.5 މިލިއަމް ރުފިޔާއަށެވެ.

ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން އެ ރަށުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން 104،000 ކިއުބިކް މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ރިކްލެމޭޝަންގެ މަސައްކަތާއި 64 މީޓަރުގެ ބްރޭކްވޯޓަ ޖެހުމާއި 42 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަގެ މަސައްކަތާއި 1736 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން ގްރޮއިން ޖެހުމާއި އެއްގަމު ތޮށި ޖެހުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 86.8 މިލިއަން ރުފިޔާއަށެވެ.