ފުލް މެރަތަން ނުވަތަ 42.195 ކިލޯމީޓަރު (މާލެވަށާ 8 ބުރު) ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. ވަރަށް ހިތްވަރު ހުރި މީހަކަށް ނޫނީ ނުވާނެއެވެ. ޓްރެއިނިން ތަކެއް ހަދަން ޖެހެއެވެ. ގުރްބާނީތަކެއް ވާން ޖެހެއެވެ.

ހާއްސަކޮށް ވަކި ވަގުތެއްގެ ކުރިން ކޮންމެ ދުވުމެއް ނިންމުމަކީ ހިތްވަރާއި ބުންވަރު ހުރެގެން ކުރެވޭނެ ކަމެކެވެ.

Ad
rt

ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި އޮންނަގޮތުން ކާންބޯން މަސައްކަތްކުރުމަށްފަހު، އާއިލާއަށް ވަގުތުދީ ކަސްރަތު ކުރުމަށް ހިނދުކޮޅެއް ހޭދަކުރުމަކީ ވަރަށް މަދު ބަޔަކަށް ކުރެވޭ ކަމެކެވެ.

އެހެންނަމަވެސް، ދިވެހި ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް ގައި ވަޒީފާ އަދަކުރަމުން އަންނަ ނަސްރުﷲ އަހްމަދު، ދުވުންތެރިންގެ ބަހުން ބުނާނަމަ، ނަސްރު ކޯޗަކީ މިކަމުގައި ލާމަސީލު މިސާލެކެވެ.

ދެކުނު އޭޝިއާ އިން ވެސް އެންމެ ގިނަ މެރެތަންގައި ވާދަކުރި އެއް ދުވުންތެރިޔާގެ ގޮތުގައި ފާހަގަކުރެވޭ، ނަސްރު މިހާރު ވަނީ އޭނާގެ 86 ވަނަ މެރަތަން ފުރިހަމަކޮށްފަ އެވެ. އެއީ ފައިބެއަހަރު އެވެ. އޭނާގެ ގިނަ މެރަތަން ނިންމާފައިވަނީ 4 ގަޑިއިރަށް ވުރެ، އަހަވަށް ކަމަށްވާތީ މިއީވެސް ދިގު ރާސްތާއަށް ދުވާ ދުވުންތެރިންގެ ތެރެއިން މަދު، ދުވުންތެރިއަކަށް ނޫނީ ނުވާނޭ ކަމެކެވެ.

އޭނާގެ މިހާރުގެ އަމާޒަކީ 100 ވަނަ މެރަތަނެވެ. އެ އަމާޒު ފުރިހަމަ ކުރުމަށް ބާކީ 14 މެރަތަން އޮތްއިރު، 100 ވަނަ މެރަތަން ޖެހުމަށް އޭނާ ނިންމާފައިވަނީ ޓޯކިޔޯ ނުވަތަ ލަންޑަނުގަ އެވެ.

''ތިލަދުން'' އަށް ނަސްރު ވިދާޅުވީ މިއީ ދަތި، އުނދަގޫ ކަމެެއް ކަމަށާއި ނަމަވެސް 100 ވަނަ މެރަތަން އަކީ ވަރަށް ހާއްސަ ދުވުމެއް ކަމަށެވެ.

"މިހާރު ވިސްނަމުން މިދަނީ އަހަރެންގެ 100 ވަނަ މެރެތަން ޓޯކިޔޯ ނޫނީ ލަންޑަނުގަ ދުވަން. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެ ހުވަފެން ހަގީގަތަަށް ވާނެ." ނަސްރު ބުންޏެވެ.

އޭނާ ބުނީ ރާއްޖެއިން ބޭރުގައި ދުވުމަކީ، ހާއްސަކޮށް ކޮންމެ އަހަރަކު އެތައް މެރަތަނެއް ދުވާއިރު، ވަރަށް ބޮޑު ހަރަދެއްދާ ކަމަށާއި މިހައިތަނަށް ވެސް މިކަން ކުރެވެނީ އާއިލާ އާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ވަޒީފާ އަދާކުރާ އެމްއެންޑީއެފް އިން އޭނާ، ދުވަން ދާން ބޭނުންވާ ވަގުތުތަކުގައި ރިލީސް ދިނުމަކީ އެންމެބޮޑު ހިތްހަމަޖެހުން ކަމަށް ވެސް ނަސްރު ބުންޏެވެ.

ނަސްރުގެ 100 ވަނަ މެރަތަން ގައި ރާއްޖޭގައި ލޯންގް ޑިސްޓެންސް ދުވާ ބައެއް އެހެން ދުވުންތެރިން ވެސް ބައިވެރިވާނެ ކަމުގެ އިޝާރާތެއް ދިން ނަމަވެސް، އެއީ ކޮން ދުވުންތެރިންނެއް ކަމެއް އޭނާ އަދިހާމައެއް ނުކުރެއެވެ.

އޭނާ ބުނީ ބައެއް އެހެން ދުވުންތެރިންނާ އެ ވާހަކަ ދެއްކުމުން އެ ދުވުންތެރިން ވެސް އެކަމަށް ޝައުގުވެރި ވާކަން ހާމަކޮށްފައިވާ ކަމަށެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރެތަން، ދުވަން ފެށި ނަސްރުގެ ކެރިއަރުގައި އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު ޖުމުލަ 13 މެރެތަންގައި ދުވެ އެ ހުރިހާ މެރެތަން އެއް ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމާފަ އެވެ.