ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗްވޮލީ ޓުއާ ގައި ރާއްޖެއަށް ބީޗް ވޮލީން ރަން މެޑަލް ހޯދައިދިން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެއަށް ރަން މެޑެލް ހޯދައިދިނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އެވެ.
ރަން މެޑައްޔާއެކު މި ދެ ކުޅުންތެރިން، ރޭ އިރުއޮއްސުނު ވަގުތު ރާއްޖެ އައުމުން ޔޫތު މިނިސްޓްރީން ވަނީ ސޯޝަލް ސެންޓަރުގައި ހާއްސަ އިވެންޓެއް ބާއްވާފަ އެވެ.
އެ ޓީމަށް މަރުހަބާ ދެއްނެވުމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު، ކޯޗު ވިނީޝިއަސް ޖިއޯނީ އާއި ރަން މެޑަލް ހޯދި ދެ އެތުލީޓުންގެ ބޮލުގައި ތާޖެއް އަޅުވައި، ހާއްސަ ޝަރަފުވެރިކަމެއް ވަނީ އަރުވާފަ އެވެ.
ސަރަހައްދީ މުބާރާތަކުން ރާއްޖެއަށް ވޮލީބޯޅައި ގައި ލިބުނު ފުރަތަމަ ރަން މެޑެލް ހޯދީ ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި ކުޅުނު އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 21-13 އަދި 21-19 އިން ސެޓުތައް ކާމިޔާބުކޮށްގެން ނެވެ.
މި މުބާރާތުގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ވާދަކޮށް ރާއްޖެއިން ކާމިޔާބު ކުރި ދެ ސެޓު ވެސް ގެނެސްފައިވަނީ 12-21 އިން ނެވެ. ދެވަނަ މެޗުގައި ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށް ކުޅެ ފަސޭހަކަމާއެކު 21-09 އަދި 21-09 އިން ކާމިޔާބު ކުރީ ރާއްޖެ އެވެ.
ސެމީ ފައިނަލުން ޖާގަ ހޯދީ ރާއްޖޭން ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ނެވެ. އަދި ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކުރުމަށްފަހު އެވެ.
ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖޭގެ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ވެސް ވަނީ ބައިވެރިވެފައެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!