މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ވެސް އުރީދޫ މޯލްޑިވްސް އަށް ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އުރީދޫއިން އާއްމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 488 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ ކުއާޓާ ގައިވެސް އުރީދޫ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ވެސް 131 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓާ ގައި ވަނީ ސާފު ފައިދާގެ 27 ޕަސެންޓް އިތުރު ވެފައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ އިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 10 ވަނަ ސީއެމްއޯ އެވޯޑްސްގައި އުރީދޫގެ މާކެޓިން ކެމްޕެއިން "އެވީ" އަށް ވަނީ ބެސްޓް ޑިޖިޓަލް މާކެޓިން ކެމްޕެއިން އެވޯޑު ލިބިފަ އެވެ.
އުރީދޫން ބުނި ގޮތުގައި، ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމާ އެކު ރޯމިން ހިދުމަތުން ލިބުނު ފައިދާ ދަށަށް ދިޔައަސް، މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ އިތުރުވެފައި ވަނީ ޕޯސްޓްޕެއިޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތައް ފުޅާވެގެން ދިއުމުގެ ސަބަބުންނެވެ.
ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި އުރީދޫ އިން ރާއްޖޭގައި ހަރަކާތްތެރިވާތާ މިހާރު ވަނީ 14 އަހަރު ވެފައިވާއިރު ރާއްޖޭގައި މުއާސަލާތީ ހިދުމަށް ދޭ އަނެއް ކުންފުންޏަކީ ދިރާގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!