މިއަދު މީސް މިޑިއާއިން އެންމެ ގިނައިން ފެންނަނީ އާއަހަރުގައި ގިނަބަޔަކު ކުރުމަށް އަޒުމް ކަނޑައަޅާ ކަންކަމުގެ ވާހަކަތަކެވެ. ތަފާތު އެތައް ކަމެއް ކުރުމަށް ކޮންމެ އައު އަހަރެއް ބައްދަލުކުރާހިނދު ގިނަބަޔަކު އަޒުމް ކަނޑައަޅައެވެ.

ދިވެހިންގެ ތެރެއިން ގިނަބަޔަކު މިއަޒުމް ހާސިލްވެސް ކުރެއެވެ. އަނެއްބަޔަކު ކަނޑައަޅާ އަޒުމެއް ހާސިލްވޭތޯ ވަރަށް މަސައްކަތްވެސް ކުރެއެވެ.

Ad
rt

"ދުވާލަކު ސިނގިރޭޓް ފޮއްޓެއް ހުސްކުރާ މީހަކު އޭނާ ސިނގިރޭޓަށް ކުރާ ހޭދަ، މަހަކު 3000 ރުފިޔާ، ރައްކާކޮށްގެން، ދިހަމަސް ދުވަހުން، 15 ދުވަހުގެ ޢުމުރާ ދަތުރަކަށް ފައިސާ ހޭދަކުރެވޭނެއެވެ. އިން ޝާ ﷲ!"

މިއީ ޝެއިޚް މުހައްމަދު ޝާފިއު މިއަދު މީސް މީޑިޔާގައި ހިއްސާކުރި ޕޯސްޓެކެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދަ އަށަގަނެފައިވާ ފަރާތްތަކުން މިއީ ފުންކޮން ވިސްނާލަން ޖެހޭ ވާހަކަ ތަކެކެވެ.

މިރޭ 12:00 ގެ ފަހުން ޖީއެސްޓީ ބޮޑުވުމާއި އެކު ސިނގިރޭޓު ފޮއްޓެއް ލިބޭ އަގުވެސް ބޮޑުވެގެން ދާނެއެވެ. އެގޮތުން ދުވާލަކު ފޮއްޓެއް ހުސްކުރާނަމަ އަތުން މަދުވެގެން 110 ހޭދަކުން ޖެހޭނެއެވެ. މަހަކަށް ބަލާނަމަ އެއީ 3,300 ރުފިޔާ އެވެ. އަހަރަކަށް ބަލާނަމަ 39,600 ދިވެހި ރުފިޔާ އެވެ. ދުވާލަކު ދެފޮށި ހުސްކުރާނަމަ ދުވާލަކަށް 6,600 އަދި އަހަރަކަށް 79,200 އެވެ.

މި ދުވަސްވަރަކީ ރާއްޖެއިން 4000 އަށްވުރެއް ގިނަ ދިވެހިން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާ އަށް ޒިޔާރަތްކޮށްފައިވާ ދުވަސް ވަރެކެވެ. ސުކޫލް ބަންދާއި ދިމާކޮށް 4000 ވުރެއް ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާއިރު އަންނަ އަހަރު ޑިސެމްބަރުގައި އުމްރާއަކަށް ދިއުމަށް ވިސްނާލާ އަޒުމް ކަނޑައެޅުން ކީއްތޯއެވެ. އުމްރާއަށް ނުދެވެނީ ފައިސާ ނެތިގެން ކަމުގައި ވަނީ ނަމަ، ހަށިގަނޑަށް ގެއްލުންތަކެއް ދޭ ވިހައަކަށް ހަރަދު ކުރުމަށްވުރެއް އެފައިސާ ރައްކާކުރުން ކީއްތޯއެވެ.

ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަހަރުގެ ޑިސެމްބަރ މަހު އުމްރާއަށް މީހުން ފޮނުވާފައިވަނީ -/28500 ރުފިޔާ އަށެވެ. ދުވާލަކު 1 ފޮށި ސިނގިރޭޓަށް ހަރަދުކުރާނަމަ އުމްރާ ޕެކޭޖެއް ނެގުމަށްފަހު 11,100 ރުފިޔާ އަށް ހަދިޔާ އަދި އެހެނިހެން ހަރަދު ކުރުމަށް ރައްކާ ކުރެވޭނެއެވެ. ދެފޮށި ގަންނަ މީހެއްނަމަ އަންހެނުން ނުވަތަ އާއިލާގެ އެހެން މީހަކާއި އެކު އުމްރާއަށް ދިއުމަށް ހަރަދު ކުރެވޭނެ އެވެ. މަންމަ ނުވަތަ ބައްޕަ އުމްރާއަށް ފޮނުވޭނެ ނޫންތޯ އެވެ.

ދުންފަތަށް މިހާ ފައިސާ އިސްރާފު ކުރަން އެއްވެސް ޖެހިލުމެއް ނުވާއިރު، އުމްރާފަދަ މާތް އަޅުކަމެއް ކުރުމުގެ ނިޔަތުގައި ދުންފަތަށް ކުރާ ހަރަދު ރައްކާ ކުރަން ހިތުނިޔަތް ގަނެފި ނަމަ އެއީ ހުއްޓާލުމަށް ލިބޭނޭ އިތުރު ހިތްވަރެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހަކީ އެކަމަށް ދެވި ހިފާފައި ތިބޭ ބައެއް ކަމުން އެކަމުން ދުރުވުމަށް ބޭނުންވަނީ ހިތްވަރަކާއި ގަދަ އަޒުމެކެވެ.

2023 ވަނަ އަހަރާއި ކުރިމަތި ލާއިރު މިފަދަ މާތް ކަމަކަށް ހިތުނިޔަތްގަނެ މާތްﷲ ގެ ހަޒްރަތުން ތައުފީގަށް އެދި އަޒުމް ކަނޑައަޅަމާ ހިނގާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ ދިހަ ކަމެއް

1- ތާރީޚެއް ކަނޑައެޅުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި ވަރުގަދައަށް އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.

2- މަގުފަހިކުރާ އާލަތްތައް ނައްތާލުން: މިގޮތުން އަޅިކެނޑި، ނުކަޑައި އޮތް ސިގިރޭޓް ފޮށި، ލައިޓަރު އަދި އަލިފާން ފޮށި ފަދަ ތަކެތި އުކާލެވިދާނެއެވެ.

3- ގިނަގިނައިން ފެންބުއިން: މިގޮތުން ފެނާއި އެކު އޮރެންޖް ފޮއްޗެއް ނުވަތަ ލިބޯ ފަޅިއެއް ފެން ބޯ އިރު ބޭނުންކުރެވިދާނެއެވެ.

4- ހަރަކާތްތެރިވެ އުޅުން: މިކަމުން ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. އުސްއިމާރާތެއް ފަދަ ތަނަކަށް އިރު ލިފްޓްގެ ބަދަލުގައި ސިޑި އިޚްތިޔާރު ކުރާށެވެ. ފެތުން އަދި ހިގާލުން ފަދަ ކަންކަމަކީ ވެސް ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

5- ޕޮޒިޓިވް ކޮށް ވިސްނުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި ގުޅިގެން ކުރީކޮޅު ބޮލުގައި ރިހުން ކަރުތެރެ ފާރުވުން، އަދި އެހެނިހެން ބައެއް އުދަގޫތަކާއި ކުރިމަތިވެއެވެ. ނަމަވެސް މިކަންކަމަކީ ދެހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މުޅިން ފިލައިގޮސް ރަގަޅުވާނެ ކަންކަމެވެ.

6- ބައެއް ކަންކަމަށް ބަދަލު ގެނައުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ފަހު ދުވަސްކޮޅެއް ވަންދެން އާންމުކޮށް ސިގިރޭޓް ގަނެހަދާ ފިހާރައަށް ނުވަތަ އެފަދަ ތަނަކަށް ދިއުން ހުއްޓާލާށެވެ. ހަމަމިހެން އާންމުކޮށް ސިގިރޭޓް ބޮނީ ރޭގަނޑު ބޭރަށް ނިކުމެއުޅޭ ވަގުތުތަކުގައި ކަމުގައި ވަނީ ނަމަ ރޭގަނޑު ބޭރަށް ނިކުމެ އުޅުން ދުވަސްކޮޅެއް ވަންދެން މަޑުޖައްސާލާށެވެ.

7- އުޒުރު ނުދެއްކުން: ތަނަކަށް ދާންވެފައި އޮތުން ނުވަތަ ޕާޓީއެއް ފަދަ ތަނަކަށް ގޭގެ އެންމެން ދާއިރު އެތަނަށް ނުގޮސް ގޭގައި ހުރެ އެހެން މީހުންނަށް ސިއްރުން ދުންފަތު ގެ އިސްތިއުމާލުކުރުމަށް ނިޔަތްގަނެ އެފަދަ ތަންތަނަށް ދިއުމަށް އުޒުރު ނުދައްކާށެވެ. އެހެނީ މިގޮތަށް ސިއްރުން އެކަން ފަށައިފިނަމަ އަލުން އިއާދަ ވާގޮތް ވެއެވެ.

8- ނަފްސަށް ފަރުވާކުރުން: ސިގިރޭޓް ގަތުމަށް ކުރިން ހޭދަ ކުރި ފައިސާގެބަދަލުގައި މިހާރު އެފައިސާއިން މީރު ކެއުމެއް، ރީތި ހެދުމެއް ފަދަ އެއްޗެއް ގަނެލާށެވެ.

9- ކެއުމަށް ފަރުވާތެރިވުން: އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާ ކެއުމުގައި ބޭނުންކުރުމަށް އާދަ ކުރާށެވެ. ތަރުކާރީ އާއި މޭވާ ކެއުމަށް ޚާއްޞަ އަހައްމިއްޔަތެއް ދޭށެވެ. ޗުއިންގަމް ފަދަ އެއްޗެއް ބޭނުންކުރާ އިރު ރަގަޅީ ހަކުރު އެކުނުލެވޭ ވައްތަރެއްގެ ޗުއިންގަމް އިޚްތިޔާރު ކުރުމެވެ.

10- ސިގިރޭޓްއާއި ނުލައި ހޭދަވާ އެންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެއް ކަމުގައި ދެކޭށެވެ. އެހެން ކަމުން އެއްދުވަހު ނުބޮއި ހުރެފިނަމަ މާދަމާއަކީ މިއަދު ފަދައިން ސިގިރޭޓާއި ނުލައި ހޭދަކުރާނެ ދުވަހެއް ކަމަށް އަޒުމް ކަނޑައަޅައި އެގޮތަށް މަސައްކަތް ކުރާށެވެ.

މީގެ އިތުން ދުންފަތުގެ އިތިއުމާލުކުރުން ހުއްޓާލުމުން އަންނާނެ ބަދަލުތަކަށްވެސް ވިސްނާލަން ޖެހެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ 10 ކަމަކާއި ހުއްޓާލުމުން ވާނެ ގޮތް!