ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން މާދަމާއިން ފެށިގެން ޓެސްޓުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ހިދުމަތް ޓެސްޓުކުރުމުގެ ފުރުސަތު މާލޭގެ ތިން ރޫޓުންވެސް ލިބޭނެ ކަމަށެވެ.

Ad
rt

މި ހިދުމަތް ޓެސްޓުކުރުން އޮންނާނީ މާދަމާ އާއި އޭގެ އަނެއް ދުވަހުއެވެ.

މި ޓެސްޓުތަކަށް ފަހަު ދާއިމީކޮށް އެމްޓީސީސީ ބަސްތަކުގައި މާސްޓާ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މާލޭ ތެރޭގައި ކުރާ ބަސް ދަތުރުތަކުގައި ނަގަނީ މީހަކަށް ހަތް ރުފިޔާއެވެ. މި ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުންކޮށްގެންނެވެ.

އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ.