ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރެގެން 15 މިލިއަން ރުފިޔާ އަތުން ގުނުމަށްފަހު އެ ފައިސާ އެހެން މީހަކާ ހަވާލުކުރި ކަމަށް ބުނެ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ކަނޑައަޅައިފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި ނަރީޝް ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.
ނަރީޝާއި އިތުރު މީހަކު ހެކިބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ ޔާމީންގެ ގޭގައި ގުނުމަށްފަހު އެ ފައިސާ އެ މައްސަލާގައި ދައުވާލިބުނު ދެ ވަނަ މީހާ ކަމަށްވާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ އަތުން ގުނި ކަމަށް ނަރީޝް ބުނާތީ ގިނަ ބަޔަކު ކުރިން ޖޯކު ވެސް ޖެހި އެވެ.
ޔާމީނާއި ޔޫސުފް ނައީމް ޖަލަށްލާން ކުރި ހުކުމުގައިވަނީ ފައިސާ ގުނައިގެން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ނަރީޝާއި ދެވަނަ މީހާ ބުންޏަސް، އެކަން ކުރި ދުވަހެއް އަދި އެއީ ދުވާލުގެ ކޮން ވަގުތެއްކަން ވެސް ބުނެދެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެދުވަހު ހިނގި އެހެން ކަންކަން އެ މީހުންނަށް ބުނެ ދެވޭ ކަމަށް ހުކުމުގައިވެ އެވެ.
"މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއް." ހުކުމުގައިވެ އެވެ.
"އަހުމަދު ނަރީޝްގެ ގެއިން ގ. ދޫވެއްސަށް، ގ. ދޫވެހިން ޔޫސުފް ނައީމްގެ ގެއަށް، ޔޫސުފް ނައީމްގެ ގެއިން އެނބުރި ގ. ދޫވެއްސަށް މާލޭގެ މަގުތަކުން ދަތުރު ކުރިއިރު އެކަން ހިނގީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ބުނެދޭން ނޭނގުމަކީ އަޖައިބެއް." ހުކުމުގައިވެ އެވެ.
"ގަބޫލު ކުރެވެނީ ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން ކަމެވެ."
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓުގައި ހެކިބަސް ދިނީ ޔޫސުފް ނައީމް އަތުން ޑޮލަރު ގަތުމުގެ މުއާމަލާތް ޔާމީނަށް ހަމަޖައްސައިދިން ކަމަށް ބުނެ އެވެ. ކޯޓުގެ ހުކުމުގައިވަނީ އެ ހެކިބަހުން އިތުރު ކަމެއް އެނގެން ނެތުމުން އޭނާގެ ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ތަހުގީގުގައި އެއްވެސް ވާހަކައެއް ޔާމީން ނުދައްކަވާ ހުރުމަށްފަހު ކޯޓުގައި އެ ހެކިން ހެކިބަސް ދިނުމަކީ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން އުފައްދާފައިވާ ހެކިތަކެއް ކަން އެނގޭ ކަމެއް ކަމަށެވެ. އަދި ހަނު ހުރުމަކީ ބައެއް ހާލަތްތަކުގައި އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭ ގަރީނާއެއް ކަމަށް އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!