ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ވަނީ ބާއްވައިފިއެވެ.
މި ޖަލްސާގައި ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގަށް އަލިއަޅުވާލެވިފައެވެ. އެގޮތުން، ދުނިޔެއަށް ދިމާވި، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ކޮވިޑުގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާ ކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯއިން ވަނީ 2023 ވަނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓްވެސް އޭޖީއެމްގައި ހުށަހަޅާފައެވެ. މިއީ ސާރޕްލަސް ބަޖެޓެކެބެ.
އެ ކުމްފުނިން ބުނި ގޮތުގައި އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމެވެ. އަދި ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ވެސް ބުންޏެވެ.
ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުންވެސް އަންނަ އަހަރަށް ސްޓެލްކޯއިން ވަނީ ރާވާފައެވެ.
ކުންފުނީގެ ވިޔަފާރި ސިންދަފާތުކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީވެސް އެ ކުންފުނީގެ އަމާޒެކެވެ.
މީގެ އިތުރުން ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ފޭސް 2ގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ޖަލްސާގައި ސްޓެލްކޯގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ. އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާޓްސިލާއާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
2020 ވަނަ އަހަރާއި އަޅާބަލާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައިވާ ކަން ވެސް ސްޓެލްކޯއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!