ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
ފ. ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސްއޫލުވެ އުޅޭ ބައެކެވެ.
މިއަދު ސޮއިކުރެވުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ރަށުގެ ރައްޔިތުން 2015 ވަނަ އަހަރުން ފެށިގެން އެކަމަށް އެދިއެދި ތިބި ކަމެއް ކަމަަށް އެމްޓީސީސީން ބުންޏެވެ. އަދި އެ އަހަރުތެރޭ އަލަށް ހިއްކުނު ބިމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަތައް ނިލަންދޫއަށް ދަނީ ކުރިމަތިވަމުން ކަމަށާއި އެހެންކަމުން، މި މަޝްރޫއުގެ މަސައްކަތް ނިމުމުން، ހިއްކާފައިވާ ސަރަހައްދު ހިމާޔަތް ކުރެވި، ރަށުގެ ޒުވާން އާބާދީއަށް ހިއްކުނު ސަރަހައްދުގައި ދިރިއުޅުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި އިޤްތިސާދީ ހަރަކާތްތައް ފެށުމުގެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 503 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ.
މިއީ 29.90 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!