މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ން ހުޅުމާލޭގައި އެ ބޭންކްގެ ބްރާންޗެއް ހުޅުވައިފިއެވެ.
އެމްއައިބީގެ އާ ބްރާންޗް ހުޅުވާފައިވަނީ ފިތުރޯނުމަގުގައި ހުންނަ ދަމާސް އެއްވަނަ އެވެނިއުގެ ތިރީ ފަންގިފިލާގައެވެ. އެ ބްރާންޗް ހުޅުވީ އިއްޔެއެވެ.
ކުރިން އެމްއައިބީން ޚިދުމަތް ދެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް މޯލްގައި، ކުޑަ ތަންކޮޅެއްގައެވެ. މިހާރު އެ ބޭންކްގެ އާ ބްރާންޗް ހުޅުވާފައިވަނީ އިތުރު ސްޓާފުންނާވެސް އެކުގައެވެ.
އާ ބްރާންޗާއެކު އެމްއައިބީން ވަނީ އާ ޕްރޮޑަކްޓެއް ވެސް ލޯންޗްކޮށްފައެވެ. އެއީ ހައްޖު ސޭވިން އެކައުންޓެވެ. އެ އެކައުންޓްގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހައްޖަށް ދާން ފައިސާ އެއްކުރެވޭނެކަމަށް އިސްލާމިކް ބޭންކުން ފާހަގަކުރެއެވެ. އެ ޕްރޮޑަކްޓްގެ އެހީގައި 5000 ރުފިޔާއިން ފެށިގެން ފައިސާ ރައްކާކުރުމަށް ފުރުސަތު ލިބިގެންދެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ، އިސްލާމިކް ބޭންކްގެ ގޮފިތައް އިތުރުވެ ކުރިއަރަމުންދާއިރު އެ ބޭންކުން ފޯރުކޮށްދޭ އިސްލާމިކް ޕްރޮޑަކްޓްތަކަށްވެސް ކުރިއެރުން ލިބޭނެ ކަަމަށް އުންމީދުކުރައްވާ ކަަމަށެވެ. އަދި އެމްއެމްއޭގެ އެހީތެރިކަން އެ މަސައްކަތަށް ލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
އެމްއައިބީން ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އެ ބޭންކްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އާ ބްރާންޗާއެކު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.
ހުޅުމާލޭ ބްރާންޗުން އެ ބޭންކްގެ މެއިން ބްރާންޗުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. މިހާރު އެމްއައިބީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 6 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އޭޓީއެމްއާއި އެޖެންޓުން އަދި ޑިޖިޓަލްކޮށް އެމްއައިބީން ދަނީ ޚިދުމަތްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!