އެޗްޑީސީއާއި މަމްސް އެންޖީއޯއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ވަނީ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަ ސިތްރާ މުހައްމަދެވެ.
އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ވަނީ ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ، އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ރައްކާކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެކެވެ.
މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައެވެ. މީގެއިތުރުން، މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް އެއްބަސްވެފައިވެއެވެ.
އަދި މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅާދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. ’މަމްސް އެންޖީއޯ’ ގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި ’މަމްސް އެމްވީ‘ ގެ ނަމުގައި މަންމައިން އިސްވެ ހިންގާ ހަރަކާތެކެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ.
ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުން، ވަކިން ހާއްސަކޮށް އެކަނިވެރި މައިން މުޖްތަމައުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މިގޮތުން، ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
އެޗްޑީސީން ގަބޫލުކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައު ތެރޭގައި ފެނިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!