ސަރުކާރުން، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކޮށްފިއެވެ.
މި މާސްޓަޕްލޭން އިފްތިތާހުކުރީ މިއަދު ލިވިން އެކްސްޕޯ ފެށުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެޗްޑީސީން ތައްޔާރުކޮށްދީފައިވާ މާސްޓަޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
އެޗްޑީސީން ބުނިގޮތުގައި މި މާސްޓަޕްލޭން ޑިޒައިންކުރީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެހީވެދިނުމުގެ ގޮތުންނެވެ.
ތިލަފުށި ތަރައްގީކުރުމާއެކު، މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް ރައްކާތެރި މާހައުލެއް ބިނާކޮށްދެވި، ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރު ވެސް ގާއިމުކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ މި މާސްޓަޕްލޭނާ އެއްގޮތަށް ވަރަށް އަވަހަށް ތިލަފުށީގައި މަސައްކަތްތައް ފެށޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ބިމަށް ކުއްޔަށް ދައްކަން ޖެހޭ ބޮޑު ހަރަދު ވެސް އެތައް ގުނައަކަށް ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވިގޮތުގައި، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ އެކު، އެ ރަށާއި ގުޅިފަޅަށް މާލެ ސަރަހައްދުގެ ހުރިހާ ސިނާއީ މަސައްކަތްތަކެއް ބަދަލުވާނެ އެވެ.
މި މަޝްރޫއުގެ ދަށުން ސިނާއީ ބޭނުންތަކަށް 151 ހެކްޓަރުގެ ބިން ހިއްކައި ޕަވަ ޕްލާންޓެއް ހަދާނެއެވެ. އަދި ތެޔޮ ރައްކާކުރާ ފާމެއް ހެދުމާއި ބޯޓުފަހަރު ބަނދަރުކުރާ ސަރަހައްދެއް ހެދުމާއި އޮފީސް އިމާރާތްތައް ހެދުމާއި ރެކްރިއޭޝަނަށް ބޭނުންކުރާ އިމާރާތްތައް ހެދުމާއި އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރާ އިމާރާތްތައް ހެދުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!