މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެ މަރުގެ މައްސަލައާއިގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ.

އެއަށްފަހު އެ ކޮމިޝަނުން ނޫސްވެރިންނާ ބައްދަލުކޮށް އެ ތަޙްޤީޤާގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ތިރީގައި މި ބަޔާން ކުރީ ރިޟްވާންގެ މަރުގެ މައްސަލައާއިގުޅިގެން މަރުކޮމިޝަނުން ހިންގި ތަޙްޤީޤްގެ މައްޗަށް އެ ކޮމިޝަންގެ ޗެއާ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުން ނަގާފައިވާ ބައިތަކެވެ.

Ad
rt

މަރު އެކޮމިޝަނު ބުނެފައިވާ ގޮތުގައި، އެ ރިޕޯޓް އެކުލަވާލުމުގައި އެ ކޮމިޝަނުން ގިނަ ބަޔަކާއި އިންޓަވިއުކޮށް މައުލޫމާތު އެއްކުރި އެވެ. މިގޮތުން މީހުން ކޮމިޝަނަށް ހާޟިރުކޮށްގެންނާއި، ރާއްޖޭގެ އަތޮޅުތަކާއި، ރާއްޖެއިން ބޭރަށް ދަތުރުކޮށްގެން މައުލޫމާތު އެއްކުރިކަމަށް ކޮމިޝަނުން ބުންޏެވެ. އެ ކޮމިޝަނުން އިންޓަވިއު ކުރި މީހުންގެ ތެރޭގައި ރިޟްވާންގެ ޢާއިލާގެ މީހުންނާއި، ތުހުމަތުވާ މީހުން ވެސް ހިމެނޭކަމަށް ބުންޏެވެ.

މި މައްސަލައާއިގުޅިގެން ތަޙްޤީޤަށް ހޯދުނު މާއްދީ ހެކިތައް ތަހްލީލްކުރީ ދިވެހި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާއި، ރާއްޖޭން ބޭރުން ތަޖުރިބާ ކާރުންގެ އެހީގައި ކަމަށާއި، މި މައްސަލައާއިގުޅިން ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ހޯދިކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރިޟްވާނާމެދު ނަފުރަތު އުފެދުނު ސަބަބު ހޯދުން

މަރު ކޮމިޝަނުން ބުނިގޮތުގައި އެ މައްސަލައިގެ ފުނައް ފީނައި، ހޯދާ ބަލާއިރު 2014 ވަނަ އަހަރު އޯގަސްޓް 7 ވަނަ ދުވަހުރޭ ރިޟްވާން ގެއްލިފައިވާއިރު، އެދުވަހާއި ހަމައަށް ހާލަތު ބަލައިލަންޖެހޭ ކަމަށެވެ. އަނިޔާ ލިބުނީ ރިޟްވާނަށް ކަމަށާއި، ރިޟްވާނަށް އަނިޔާ ލިބުނު ސަބަބާއި، އޭނާގެ ދިރިއުޅުން އޭރު ހުރިގޮތާއި، އޭނާއާއިމެދު ނަފްރަތު އުފެދެން ޖެހުނު ސަބަބު ދެނެގަންނަންޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރިޟްވާނަކީ ނޫސްވެރިއެއް ކަމަށާއި، މީސްމީޑިއާގައި ވެސް ވަރަށް ހަރަކާތްތެރި މީހެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭރު ހިނގަމުން ދިޔަ ސިޔާސީ، އިޖުތިމާއީ އަދި ދީނީ ކަންކަމުގައި މީސް މީޑިއާގައި ކޮމެންޓްކޮށް އޭނާ ފާޑުކިޔާ ހަދާފައިވާ ކަމަށް ވެސް ބުންޏެވެ. އެ އަހަރުގެ އޯގަސްޓް މަހާއި ހަމައަށް އައިއިރު، ރާއްޖެ އޮތީ ސިޔާސީ، އިޖުތިމާއީ އަދި ދީނީ ހަމަނުޖެހުންތަކެއްގެ ތެރޭގައިިކަން ފާހަގަކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެދުވަސް ގާނޫނު ތަންފީޒު ކުރުމާއި، އަދުލު އިންސާފު ގާއިމު ކުރުމުގެ ކަންކަމަށް އާންމުން އިތުބާރުނެތް ކަމަށް ވެސް ބުންޏެވެ. އެދުވަސްވަރު ކުށްކުރާ ގޭންގްތަކުގެ ނުފޫޒު ވަނީ ގަދަވެފައިކަމަށާއި، ބިރުދެއްކުމާއި އަދި މީހުން މެރުން ވަނީ އިތުރުވެފައިކަމަށް ވެސް ބުންޏެވެ.

މަރު ކޮމިޝަނުން ބުނިގޮތުގައި 10 ޑިސެމްބަރ 2011 ގައި އާޓިފިޝަލް ބީޗްގައި އޮތް ''ހިމޭން'' މުޒާހަރާއެއްގައި ރިޟްވާން ބައިވެރިވިއެވެ. އެ މުޒާހަރާގައި ބައިވެރި އެކެއްގެ ބޮލުގައި ގަލަކުންޖަހާ ބޯފަޅާލަފައިވާ ކަމަށާއި، އެއީ އެ މުޒާހަރާގެ ބައިވެރިންނާ ހަރުކަށި ފިކުރު މީހުންނާއި ކުރިމަތިލުމުގެ ފެށުން ކަމަށް ވެސް ބުންޏެވެ. އޭގެފަހުން ހަރުކަށި ފިކުރު މީހުންނާއި ކުށްކުރާ ގޭންގްތަކުން ވަނީ އެ މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދީފައިކަމަށް ވެސް ބުންޏެވެ. އެކޮމިޝަނުން ބުނީ އެދުވަސްވަރު ކުށްކުރާ ގޭންގްތަކާއި ގުޅިގެން ހަރުކަށި ފިކުރުމުގެ ބާރު ގަދަވެގެން ދިޔަ ކަމަށެވެ.

23 ޑިސެމްބަރު މުޒާހަރާއި ގުޅިގެން މަޝްރަޙް ހޫނުވާންފެށި

އެ ކޮމިޝަނުން ބުނިގޮތުގައި އޭރު އިދިކޮޅު ޕާޓީތަކުން، އޭރުވެރިކަމުގައި އޮތް އެމްޑީޕީއާއި ދެކޮޅަށް، 23 ޑިސެމްބަރުގައި 2011 ގައި ކުރި ޒާހަރާއާއި ގުޅިގެން މަޝްރަޙް ހޫނުވާން ފެށި ކަމަށެވެ. އޭރުގެ އިދިކޮޅުފަރާތްތަކުން ''ދީން ހަތިޔާރަކަށް ބޭނުން ކުރަމުން ދިޔުމުން'' ހަރުކަށި ފިކުރު މީހުންނަށް އިތުރު ހިތްވަރެއް ލިބުނުކަމަށް ކޮމިޝަނުން ބުންޏެވެ.

މަރު ކޮމިޝަނުން ބުނީ، 2012 ވަނަ އަހަރު އޮކްޓޯބަރުގެ އެއްވަނަ ދުވަހުގެ ރޭ އުނދޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ ޢިލްމްވެރިޔާ ޑރ. އަފްރާޝީމް ޢަލީ، އަވަހާރަކޮށްލީ އެ ހަލަބޮލިކަމުގެ ތެރޭގައިކަމަށެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލީ، އެއީ އިސްލާމްދީނާ ޚިލާފް ރައުޔުތައް ނެރުއްވާ ޝިރުކަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ، ތަކުރާރުކޮށް އިންޒާރުދިނުމަށްފަހުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ.

ވެރިކަން ބަދަލުވުމާއެކު ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގްތަކުގެ ބާރުގަދަވި

2012 ވަނަ އަހަރު، އޭރު އޮތް ވެރިކަން ބަދަލުވެގެން ދިޔުމާއެކު ސިޔާސީ މަދަދުވެރިކަން އިތުރުވެ، ހަރުކަށި ފިކުރުގެ މީހުންނާއި ކުށްކުރާ ގޭންގްތައް އިތުރަށް ބާރުވެރިވެގެން ދިޔަ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެކަމުގައި ދީނީ އެކި ސަބަބުތައް އިސްކޮށްފައިވާކަމަށް ވެސް ބުންޏެވެ.

2013 ވަނަ އަހަރުގެ އޮތް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އަދި އޭގެ ކުރިން ވެސް ސިޔާސީ ފަރާތްތަކާއި އޭރުގެ ސަރުކާރާއި، ކުށްކުރާ ގޭންގްތަކާއި ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުން ބަދަހިވެފަހިވެފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އޭރު ސޯސަލް މީޑިއާގައި ހަރަކާތްތެރިވި މީހުންނަށް ބިރުދައްކާ، އިންޒާރު ދިނުމުގައި އެންމެ އިސްކޮށް ތިބީ އަޙްމަދު އިސްމާއީލް އާއި އަހްމަދު މުއާޒް ކަމަށް ދައުލަތުގެ ފަރާތްތަކަށް އޮތީ މައުލޫމާތު ލިބިފައި ކަމަށް ވެސް ބުންޏެވެ.

މަރުކޮމިޝަނުން ބުނީ، އެ ކޮމިޝަނުން ހިންގި ތަޙްޤީޤުން އެދުވަސްވަރު ކުށްކުރާ ގޭންގްތަކަށް ލިބިފައިވަ ބާރާއި ނުފޫޒު އަންގައިދޭ ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ރިޟްވާންގެ އެންމެ ފަހު ވަގުތާއި ހަމައަށް ސޯސަލް މީޑިއާގައި މެސެޖުތައް ޕޯސްޓު ކުރަމުން ދިޔަ ކަމަށް ވެސް ބުންޏެވެ.

އަހްމަދު މުއާޒާއި އޭރުގެ ދެ ވަޒީރަކާއި، ސީޕީ ބައްދަލުކުރި

މަރު ކޮމިޝަނުން ބުނިގޮތުގައި، ސޯސަލްމީޑިއާގައި ހަރަކާތްތެރިވި މީހުންނަށް ބިރުދައްކާ، އިންޒާރު ދިނުމުގައި އެންމެ އިސްކޮށް ހުރި އެކަކުކަމަށްވާ، އަހްމަދު މުއާޒް، 2014 ޖޫންމަހުގެ ކުރީކޮޅު ގްރޫޕަކާއެކު އޭރުގެ ދެ ވަޒީރަކާއި އެކު ދެފަހަރަކު ބައްދަލުކުރިއެވެ. އެ ބައްދަލުވުންތައް ހަމަޖެއްސުމަށް އޭރުގެ ހޯމް މިނިސްޓްރީގެ ނައިބަކަށް ހުރި މުހައްމަދު ހާނިމްގެ ދައުރެއް އޮތް ކަމަށް ވެސް ބުންޏެވެ. ދެ ބައްދަލުވުމުގައި ވެސް ހާނިމް ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ. އޭގެ ކުރިން އޭގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެން ވަހީދާ ވެސް މުއާޒް ބައްދަލުކުރި ކަމަށާއި، މުއާޒާއި ސީޕީ އާއި ގާތް ގުޅުމެއް އޮތްކަން އިނގުނު ކަމަށް ވެސް ބުންޏެވެ. ސޯސަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް އިންޒާރު ދިނުމުގެ ކަންތައް ބޮޑަށް ހިނގަން ފެށީ މި ބައްދަލުވުން ތަކަށް ފަހުގައިކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ އިސްވެރިން ރާއްޖޭގައި ގޭންގްތަކެއް ނެތް ކަމަށާއި، ޒުވާނުންނަށް ނިސްބަތްކޮށް އެހެން ނުބުނެވޭނެކަމަށް ބުނުމުން ކުށްކުރާ ގޭންގްތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ މީހުންގެ ކުށުކުގެ ރިކޯޑް ސާފުކޮށްދީ، ރިހެބިލިޓޭޓް ކުރުމަކާނުލައި، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ހަމަޖައްސައިދިން ކަމަށް ކޮމިޝަނުން ބުންޏެވެ.

އޭރުގެ ރައީސް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ މީހުންނަށް ފަންޑުކުރި

އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ މީހުންނަށް ފަންޑުކުރިކަން ތަހްގީގުން އެނގޭކަމަށް މަރު ކޮމިޝަނުން ބުންޏެވެ. އެކަން ހަމަޖައްސައިދިނީ ކްލަބް ޖަމިއްޔާތަކަށް އެހީދިނުމުގެ ނަމުގައި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ. އެފަދަ މީހުންނަށް ކުންފުނިތަކުން ސްޕޮންސާ ލިބޭގޮތް ހަމަޖައްސައިދީ، ސްޕޯޓްސް ގްރޫޕެއް ގޮތުގައި ރަޖިސްޓަރީކޮށް ސްޕޮންސާ ދީ، މާލީ ތަނަވަސްކަން ލިބޭގޮތް ހަމަޖައްސައިދިން ކަމަށް ވެސް ބުންޏެވެ.

އެ ވެދިން އެހީގެ ބަދަލުގައި ސިޔާސީ ފަރާތްތަކަށް ސަޕޯޓްކޮށްދީ، ކެމްޕޭންކޮށްދީ ޖަލްސާތައް ބާއްވަން އެހީތެރިވެ، އެއްވުންތައް ރޫޅާލައި، ކެމްޕޭނަށް ގެއްލުން ދިންފަދަ ކަންތައް ކޮށްދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ފަރާތްތަކާއި، ފަނޑިޔާރުންނާއި، ފުލުހުންގެ އިސްވެރިންނާ ވެސް ގުޅުން ބާއްވާފައިވާ ކަމަށާއި، އޭގެ ޒާތުގައި އެފަދަ ގުޅުމެއް އޮތުމަކީ އެންމެ ރަނގަޅު ކަމެއް ނަމަވެސް އެފަދަ ގުޅުމަކުން ނުކުތް ނަތީޖާއަށް ބަލަންޖެހޭ ކަމަށް ވެސް ބުންޏެވެ. އޭރު އުފެދުނު މި ގުޅުމުގެ ނަތީޖާއަކީ ކުށްކުރާ ގޭންގުތަކުގެ މީހުންނަށް ހިމާޔަތާއި ރައްކާތެރިަކން ލިބިފައި އޮތުން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މިފަދަ ގުޅުމަކުން ނުކުމެދާނެ ނަތީޖާގެ މިސާލެއް ދައްކަމުން ކޮމިޝަނުން ބުނީ، މައްސަލައެއްގެ ދަައުރެއް އޮތްކަމަށް ތުހުމަތު ކުރެވިގެން ޓެރަރިޒަމްގެ ޢަމަލެއްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލު ހައްޔަރުގައި ބެހެއްޓި އަޒްލިފް ރައޫފް ފަހުން ގޭ ބަންދަށް ބަދަލުކޮށްފައި ހުއްޓައި، ގޭ ބަންދުގައި ހުރެ، ބަންދު އަމުރާއި ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތް ބައްދަލުވުމެއްގައި ބައިވެރިވިކަމަށް ކޮމިޝަންގެ ތަޙްޤީޤަށް އެނގުނުކަމަށެވެ. އަދި އެފަދަ ތުހުމަތެއްގައި ހުރި އިތުރު މީހެއް ދޫކޮށްލާފައި ހުރިކަން އެނގުނު ކަމަށް ވެސް ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ހުރި އަޒްލިފް ރައޫފް އޭރުގެ ރައީސް ބައިވެރިވެވަޑައިގަތް އިވެންޓެއްގައި ބައިވެރިވިކަމަށާއި، މިކަން ހިނގާފައި ވަނީ 2014 ވަނަ އަހަރު ކަމަށް ކޮމިޝަނުން ބުންޏެވެ. އެއަށްފަހު އޭނާ މުޅިން ސަލާމަތްވެ، ދެ މަސްފަހުން ރާއްޖެއިން ފުރައިގެން ދިޔަ ކަމަށާއި، ނުކުތް ނުރަނގަޅު ނަތީޖާއަކީ އެއީ ކަމަށް ބުންޏެވެ. އަދި އެކަހަލަ ކިތައްމެ ކަމެއް ހިނގާފައި ހުރިކަމަށް ވެސް ބުންޏެވެ. ރިޟްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ އެކަކުކަަމަށްވާ މުހައްމަދު ސުވައިދު، ފުރައިގެންދާން ފުރުސަތު ލިބުނީ މި ގުޅުމުގެ ތެރެއިން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ނުފޫޒު ގަދަ ކުރަމުން ދިޔައިރު ހަރުކަށި ފިކުރުގެ މީހުންނާއި، ކުށްކުރާ ގޭންގްތައް ވެސް ދިޔައީ އެމީހުންގެ ނުފޫޒާއި ބާރު ގަދަ ކުރަމުން ކަމަށެވެ. ހަރުކަށި ފިކުރުގެ ބައެއް މީހުން ސީރިއާއަށް ދަތުރުކުރިކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އައިސިސް ގެ ދިދައާއި ލިޔުންތައް ހާމަކަން ބޮޑުގޮތެއްގައި ބޭނުންކޮށްގެން 2014 ވަނަ އަހަރު މާލޭގައި މުޒާހަރާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

2014 ވަނަ އަހަރުގެ ޖޫން މަހު ސޯޝަލް މީޑިއާގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް އިންސާފު ނުލިބުމާއި، އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން، ރިޕޯޓް ކުރި މީހުންނަށް އިތުރު އަނިޔާ ލިބިގެންދިޔަ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އިތުރު ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު ކަންވެސް ތަޙުޤީގުން އެނގޭކަމަށް ވެސް ބުންޏެވެ.

ސޯޝަލް މީޑިއާގައި ބަހުސް ކުރަމުންދިޔަ މީހުން އައިޑެންޓިފައިކުރި

އެދުވަސްވަރު ސޯޝަލް މީޑިއާގައި ހިގަމުން ދިޔަކަން އިޖުތިމާއީ ދީނީ ކަންކަމުގެ ބަހުސްއާއި ގުޅިގެން އަޙްމަދު އިސްމާޢީލް އާއި އަޙްމަދު މުޢާޒާއި ދެމީހުން އިސްވެ ތިބެ، ސޯޝަލް މީޑިއާގައި އެ ބަހުސް ކުރަމުންދިޔަ މީހުން އައިޑެންޓިފައިކުރި ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެ ދެމީހުން އިސްވެ ތިބެ، ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ފަރާތްތައް ހިމެނޭ ގުރޫޕަކުން، ސޯޝަލް މީޑިއާގައި މި ބަހުސްތަކުގައި ބައިވެރިވި ފަރާތްތައް މާލޭގެ ހުސްބިންތަކަށް ގެންގޮސް ބިރުދެއްކި ކަމަށް ބުންޏެވެ.

''އަނިޔާކޮށް އެމީހުންގެ މޮބައިލް ފޯން އަތުލައި، ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ހޯދައި އެ އެކައުންޓުތަކުގައި ހުރި ބައެއް މައުލޫމާތު ނަގާފައިވޭ. ބިރުދެއްކުމުގެ ޢަމަލުތައް ހިންގުމުގައި ގިނަ އަދަދެއްގެ ބަޔަކު އެންމެ މީހަކު ވަށާލާ އެކަހެރިކޮށް ބިރުދައްކާފާވާކަން ފާހަގަކުރެވޭ. މިގޮތަށް އެކަހެރިކޮށް ބިރުދެއްކުރުމުގައި ތަކުރާރުކޮށް "ކަނޑުފައްތާ މަރާލާނެކަމަށް" ދޭހަވާ ގޮތަށް ވާހަކަ ދައްކާ ބިރު ދައްކާފާވޭ.'' ކޮމިޝަނުން ބުންޏެވެ.

އޭގެ ފަހުން ވެސް ބިރުދެއްކުމަށް ރިޟްވާނަށް ހެދިގޮތައް ހަދާލާނަމޭ ބުނެފަވާކަމަށް ބުނިކަން އިނގުނުކަމަށް ކޮމިޝަނުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޒާރުދީ ބިރުދެއްކުމަކީ ރިޟްވާން ގެއްލުމުގެ ކުރިން ވެސް ހިނގި ކަމެއް ކަމަށާއި، އަދި އޭގެ ފަހުން މިކަން ހިނގި ކަމަށް ކޮމިޝަނުން ބުންޏެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޒާރުދީ ބިރުދައްކަމުން ދިޔައިރު އެކަން ކުރި މީހުންގެ ލިސްޓްގައި ރިޟްވާންގެ ނަން އޮތްކަމަށާއި، ސޯޝަލް މީޑިއާގައި ރިޟްވާން ބޭނުން ކުރަމުން އައި ނަން ''މޮޔަމީހާ'' އަކީ ކާކުތޯ އެމީހުން ބަލާފައިވާކަން އިނގުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަކަށް ބިރުދައްކައި، އެކިވަރުގެ އަނިޔާ ކުރަމުން ގެންދިޔަ މައްސަލަ ތަޙުޤީޤު ކޮށްދިނުމަށް އެދި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓަށް 2014 ޖޫން 16 ގައި ހުށަހަޅާފައިވާ ކަމަށާއި، ހަމަ އެދުވަހު މައްސަލަ ފައިލްކޮށް މައްސަލަ ބަލަންފަށާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އެ މައްސަލާގައި އެކަކާއި ސުވާލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށާއި، އޭނާގެ ބަހުން ބިރުދެއްކިކަން އިނގޭއިރު، އެކަމަށް ފިޔަވަޅު އަޅާފައެއް ނެތްކަމަށް ވެސް ބުންޏެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަކަށް ބިރުދައްކައި، އެކިވަރުގެ އަނިޔާ ކުރަމުން ދިޔުމުގައި އިސްކޮށް ހުރީ އަހްމަދު މުއާޒް ކަމަށާއި، އޭނަ ފުލުހުންގެ ބައެއް އިސް އޮފިޝަރުންނާ ބައްދަލުކޮށް ސޯޝަލް މީޑިއާގައި ހިނގަމުންދިޔަ ކަންތައް ހުއްޓުވައިދޭން އެދުނުކަން އިނގޭ ކަމަށާއި، ނަމަވެސް އެ އޮފިސަރުންނަށް ކުރެވެން ހުރި ކަންކަން މަދުވުމުން މުއާޒް އަމިއްލައަށް ފިޔަވަޅު އަޅަން ނިންމިކަމަށާއި، މުއާޒާ އޭރު ފުލުސް އިސް އޮފިސަރުންނާ ގުޅުން އޮތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ރިޟްވާންގެ ފޯނު ރެކޯޑްކުރި

ރިޟްވާން ގެއްލުމުގެ 4 މަސް ކުރިން، 20 ނުވަތަ 21 އޭޕްރިލް 2014 ހިސާބުގައި، ފުލުހުން ކޯޓު އަމުރެއް ހޯދައިގެން ރިޟްވާންގެ ފޯނު އިންޓަރސެޕްޓްކޮށްފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އެކަންކޮށްފައި ވަނީ ރިޟްވާން މިނިވަން ނޫހުގައާއި ސޯޝަލް މީޑިއާގައި ލިޔަމުން ދިޔަ އެއްޗެހީގެ ސަބަބުން އޭނާ އަށް ނުރައްކަލެއް އޮތްކަމަށް ބެލެވިގެން ކަމަށް ވެސް ބުންޏެވެ. ރިޟްވާންގެ ފޯނު ރެކޯޑްކޮށް އަޑުއަހަން ފުލުހުން ހޯދު ކޯޓު އަމުރުގެ މުއްދަތު ހަމަވީ އޭނާ ގެއްލުމުގެ 17 ދުވަސް ކުރިން ކަމަށް ވެސް ބުންޏެވެ.

ރިޟްވާން، ސޯޝަލް މީޑިއާގައާއި މިނިވަން ނޫހުގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޭނާއަށް އަމާޒުވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި، ''މޮޔަ މީހާ'' އަކީ ކާކުތޯ ބަލައި، އެކަން ހޯދި މީހުންނަށް ''މޮޔަ މީހާ'' އަކީ، މިނިވަން ނޫހާއި ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރި މީހެއްކަން ހޯދުނުކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް އިނގިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

''ރިޟްވާން އެޗްއާރުސީއެމްގައި ކުރިން މަސައްކަތް ކުރި، އޭނާ ގެއްލުނުއިރު މަސައްކަތް ކުރީ މިނިވަން ނޫހުގައި، އޭނާ ލިޔަމުން ދިޔަ ތަކެތީގެ ތެރޭގައި ހަރުކަށި ފިކުރުގެ ފަރާތްތަކާގުޅޭ ގޮތުން ލިޔެފައިވާ ތަކެއްޗާއި ގުޅިގެން ސީރިއާގައި ހަނގުރާމަކުރާ ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިން އޭނާގެ ދުވަސްތައް ކުރުކަން ދެނެގެން ހުރުމަށް އިންޒާރުދީފަވޭ، ދިވެހި ހަނގުރާމަވެރިން ބިރުދައްކައި ރިޟްވާނަށް މެސެޖްކުރި'' ކޮމިޝަނުން ބުންޏެވެ.

ރިޟްވާން ދިރިއުޅު ފްލެޓް ކައިރިން ރަތް ކާރަކަށް އެރުވި

ރިޟްވާން ގެއްލުނު ރޭ 10:00 ފެށިގެން ބަޔަކު ރިޟްވާނަށް ފާރަލާފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އެރޭ 22:00 ހާއިރު އާޓިފިޝަލް ބީޗްގައި ހުންނަ ބްރޭކް ވޯޓާ ކެފޭއަށް ރިޟްވާން ދިޔަކަމަށާއި، އޭރުވެސް މީހަކު އޭނާ އަށް ފާރަލަމުން ދިޔަކަމަށް އެ ކޮމިޝަނުން ބުންޏެވެ. ރިޟްވާން އެތަނުގައި އިނީ އެކުވެރިންތަކަކާއެކު ކޮފީ ބޯންކަމަށާއި، 22:18 ނުވަ 22:21 ހާއިރު އިތުރު މީހަކު ރިޟްވާނަށް ފާރަލުމުގައި ބައިވެރިވިކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނިގޮތުގައި ރިޟްވާނަށް ފާރަލަމުން ދިޔައީ މުހައްމަދު ސުއައިދުއާއި މުހައްމަދު ހާމިދެވެ. ބްރޭކްވޯޓާ ކެފޭ ގައި އިނުމަށްފަހު ރިޟްވާން ދެން ގޮސްފައިވަނީ އެރޭ އާޓިފިޝަލް ބީޗުގައި އޮތް ބައިބަލާގެ ފައިނަލް މެޗެއް ބެލުމަށް ކަމަށާއި، ރިޟްވާން ނުކުމެގެން ދާއިރު އޭނާގެ ފަހަތުން މުހައްމަދު ސުއައިދުއާއި މުހައްމަދު ހާމިދު ވެސް ނުކުމެގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި ހުންނަ އިމާރާތާ ހަމައިން އިރާކް މުހައްމަދު ހާމިދު(މުއްކާނު) ރިޟްވާން އަށް ފާރަލުމުގައި މުހައްމަދު ސުއައިދުއާއި ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.

''ބައިބަލާ މެޗަށްފަހު މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް އަޙްމަދު ރިޟްވާން ޢަބްދުﷲ ދާ އިރު ވެސް މުހައްމަދު ސުއައިދުއާއި މުހައްމަދު ހާމިދު ފާރަލަމުންދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނޭ. އަޙްމަދު ރިޟްވާން ޢަބްދުﷲ ހުޅުމާލެއަށް ގޮސްފައިވަނީ އެރޭގެ ދަންވަރު 1:00 ހާއިރު މާލެއިން ހުޅުމާލެއަށް ދިޔަ ފެރީއިން. ފެރީގަ ދަތުރު ކުރި މީހުންގެ ބަހުންނާއި ފޯނު ސިގްނަލުން އެކަން އިނގޭ'' ކޮމިޝަނުން ބުންޏެވެ.

ރިޟްވާން ފެރީން ފައިބައިގެން ހިނގާފައި އޭނާ ދިރިއުޅޭ ފްލެޓާ ހަމައަށް ދެވޭނެކަމަށް ލަފާ ކުރެވޭ ވަގުތުގެ ތެރޭގައި ރަތް ކާރަކަށް ގަދަކަމުން މީހަކު އެރުވިކަން މަންޒަރުދުއްމީހުންގެ ބަހުން އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެރޭ 1:45 ހާއިރު، ރިޟްވާން ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ކައިރިން ދެމީހަކު ވެގެން މީހަކު ގަދަކަމުން ރަތް ކާރަކަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށާއި، އެ ކާރުގައި 3 މީހަކު ތިބި ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެވަގުތުގައި އެ ސަރަހައްދުގައި އިތުރު ބަޔަކު ސައިކަލްގައި ހަރަކާތްތެރިވި ކަމަށް ވެސް ބުންޏެވެ.

މަރުކޮމިޝަނުން ބުނިގޮތުގައި އެއީ މާލޭގައި ދުއްވާ ކާރެކެވެ. އެ ކާރު ހުޅުމާލެ ގެންދިޔައީ އޯގަސްޓް 1 ގައި ކަމަށާއި، އެ ކާރު ގެންދިޔައީ ރިޟްވާން ކިޑްނެޕް ކުރުރުމަށްކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.

''7 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭ އަޙްމަދު ރިޟްވާން ޢަބްދުﷲ ގަދަކަމުން އަރުވައިގެން ގެންގޮސްފައިވަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފުގެ AB1A P4954 ނަންބަރު ކާރަށް ކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައި. މި ކާރުގެ ތެރެއިން އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައިފުށުގެ mtDNA ފެނިފައިވާއިރު، އަޙްމަދު ރިޟްވާން ޢަބްދުﷲ ފިޔަވާ މި mtDNA ދިމާވުމުގެ ފުރުޞަތު އޮތް އެއްވެސް މީހަކު AB1A P4954 ނަންބަރު ކާރަށް އެއްވެސް ދުވަހެއްގައި އަރާފައި ނުވާކަން ކޮމިޝަންގެ ތަހްޤީޤަށްވަނީ ކަށަވަރުކުރެވިފައި.'' ކޮމިޝަނުން ބުންޏެވެ.

ރިޟްވާނަށް ކަލިމަ ލައިދީ ކަރުބުރިކޮށްލައި މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައި

ކާރުން ބާލައިގެން ގެންގޮސް ރިޟްވާން އެރުވީ ޑިންގީ އަކަށް ކަމަށާއި، އެއަށް ފަހު އެރުވީ ކަންނެލި ދޯންޏަކަށް ކަމަށް ވެސް އެ ކޮމިޝަނުން މިއަދު ބުންޏެވެ.

'7 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ހާއިރު، ރަތް ކާރަށް ގަދަކަމުން އަޙްމަދު ރިޟްވާން ޢަބްދުﷲ އަރުވާ، އެކާރުން އޭނާ ޑިންގީއަކަށްލާ، އެ ޑިންގީއިން އޭނާ އަރުވާފައިވަނީ ކަންނެލި ދޯންޏަކަށް، މި ދޯންޏަށް އެރުވުމަށްފަހު އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށްލައި މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައި.'' ކޮމިޝަނުން ބުންޏެވެ.

އެކަން ކުރި 6 މީހަކު ރާއްޖެ ދޫކޮށް ފުރި

ކޮމިޝަނުން ބުނީ ރިޟްވާނަށް އެހެން ހެދިއިރު ހަރުކަށި ފިކުރު މީހުންނާއި ކުށްކުރާ ގޭންގްތަކުގެ މީހުން އެ ދޯނީގައި ތިބިކަމަށެވެ. އެއަށްފަހު އޭގެ ތެރެއިން ގިނަ މީހުން ވަނީ ރާއްޖެ ދޫކޮށް ފުރާފައި ކަމަށް ވެސް ބުންޏެވެ. އަދި އޭގެ ތެރެއިން 6 މީހަކު ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ދަތުރުކޮށްފައިވާ ކަމަށާއި، އެމީހުން ފުރީ އެކި ދުވަސް މަތިން ކަމަށް ވެސް ބުންޏެވެ.

ދުރާލާ ރާވައިގެން ހިންގި ޢަމަލެއް

މަރުކޮމިޝަނުން ބުނި ގޮތުގައި ރިޟްވާނަށް ދިން އިންޒާރުތަކަށްފަހު ފާރަލައި ވަަގަށް ނަގާފައި ވަނީ ހަރުކަށި މީހުން ދުރާލާ ރާވައިގެންކަން ތަޙްޤިޤަށް އިނގޭ ކަމަށެވެ. އަދި އެއީ އޭރު ރިޟްވާނެކޭ އެއްގޮތަށް ދީނީ އަދި އިޖުތިމާއީ ކަންކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ބިރުދެއްކުމަށް ކުރިކަމެއް ކަމަށް އިނގޭ ކަމަށް ވެސް ބުންޏެވެ.

ހަގީގަތް ފޮރުވަން މަސައްކަތް ކުރި

މަރުކޮމިޝަނުން ބުނީ ރިޟްވާނަށް އެހެން ހެދުމަށްފަހު އެކަމުގައި އެކިމިންވަރަށް ޝާމިލްވާ ފަރާތްތަކުން އެކަމުގެ ޙަޤީޤަތް ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. މިގޮތުން ރިޟްވާނަށް ވީގޮތެއް އޮޅުވާލުމަށް އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ދައްކަން ޕާސްޕޯޓް ކޮޕީއެއް ހަަދައިގެން ގެންގުޅުކަމަށާއި، ރިޟްވާން ސީރިއާގައި ހަނގުރާމާގައި ބައިވެރިވެފައިވާކަން ދެއްކުމަށާއި، އަމިއްލަ އަށް މަރުވެފައިވާކަން ދެއްކުމަށް ވެސް އެބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.