މިފަހަރުގެ ވޯލްޑްކަޕަކާއި ބައްދަލުކުރިއިރު، މަޣްރިބްކަރަ ނުވަތަ މޮރޮކޯއަކީ އެ ޓީމު މިހާރު އައިސްފައިވާ ހިސާބަށް އައިސްދާނެކަމަށް ދެކި، ގިނަ ބައެއްގެ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުން ޖާގަ ދިން ޓީމެއް ވެސް ނޫނެވެ. އެހެންނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗާއިއެކު މޮރޮކޯއިން ވަނީ ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށް، އެއް ވާމެއްގައި މޮޅަށްކުޅެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލުގެ ދުވެލީގައި "އެޓްލަސް ލަޔަން" އިން ފުޓްބޯޅައިގެ ތާރީހުގައި ރަންއަކުރުން ފަވާލީ ބިލާހެއް ފަދައިންނެވެ. ނަމަވެސް ފްރާންސް ބަލިކުރުން އަދި ކުރިއަށް އޮތީއެވެ. ތާރީހުތެރެއަށް ވަދެފައިވާ މޮރޮކޯއަށް ވޯލްޑްކަޕް 2022 ގެ ތަށި އުފުލާލެވޭނީ ކުރިއަށް އޮތް ދެ މެޗުން މޮޅު ވެގެންނެވެ.

Ad
rt

މި އަހަރުގެ މި މުބާރާތުގައި މި ޓީމު އަދި އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މޮރޮކޯއިން މިހާތަނަށް ވަނީ ކޮރޮއޭޝިއާއި ދެކޮޅަށް އެއްވަރުކޮށް، ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް ފަދަ ބޮޑެތި ބާރުތަކުގެ މައްޗައް ކުރިހޯދާފައެވެ. ނަމަވެސް މޮރޮކޯއިން ވޯލްޑްކަޕް ފައިނަލަށް ކުރާ ދަތުރުގައި ވާދާ ކުރާނީ ފުޓްބޯޅައިގެ ސުޕަޕަވަރު އަދި އެންމެ ފަހުގެ ޗެމެޕިއަން ފްރާންސް ކަމަށް ވާއިރު، މި ދެޓީމު ސެމީ ފައިނަލުގައި ބައްދަލު ކުރާނީ މިރެއެވެ.

ނޮވެމްބަރ 20 ވަނަ ދުވަހު ޤަތަރުގައި ވޯލްޑް ކަޕް 2022 ފެށިގެން ދިއައިރު، މުބާރާތުގައި މިހާތަނަށް މޮރޮކޯއަށް ހޯދިފައިވާ ކާމިޔާބީއާއި ހަމައަށް ދަތުރު ކުރެވިދާނެ ކަމަށް ޤަބޫލު ކުރީ މަދު ބައެކެވެ. ނަމަވެސް މިހާރު ރެގްރަގީގެ ޓީމުގެ ތެރެއިންނާއި އެޓީމުގެ ސަޕޯޓަރުންގެ ތެރެއިން، އަދި މީގެ އިތުރުން ޤަތަރާއި މޮރޮކޯއާއި އަދި މުޅި ދުނިޔޭގައިވެސް އުންމީދީ ވިސްނުން ދަނީ އުފެދެމުންނެވެ.

މި ހުރިހާ ހަރުފަތެއް ކާމިޔާބު ކުރެވި، މޮރޮކޯގެ މި ދަތުރު ކާމިޔާބު ކަމާއެކީ ނިންމާލެވޭނެ ހެއްޔެ؟ މިއީ މިހާރު ގިނަބައެއް ކުރަމުން އަންނަ ސުވާލެކެވެ.

މިހާތަނަށް ""އެޓްލަސް ލައަންސް" ބަލި ކޮށްފައިވަނީ ކޮންބައެއް؟

އެޓްލަސް ލައަންސް އިން ވަނީ ވޯލްޑްކަޕްގައި ދެއްކި ޖާދުއީ ހުނަރުގެ ސަބަބުން މުޅި ދުނިޔެ ސިއްސުވާލާފަ އެވެ. ވޯލްޑް ކަޕްގެ ތާރީހުގެ 92 އަހަރު ދުވަހުގެ ތެރޭގައި މުބާރާތުގެ އެންމެ ފަހު ހަތަރަކަށްދިޔަ ފުރަތަމަ އަރަބި އަދި އެފްރިކާގެ ޤައުމަށް މޮރޮކޯ ވެގެން ހިގައްޖެއެވެ.

އެޓީމުން ގްރޫޕް ސްޓޭޖްގައި އެއްވަނަ ހޯދާފައިވަނީ ބެލްޖިއަމް އާއި ކެނެޑާ ބަލިކޮށް ކްރޮޢޭޝިއާ އާއި ދެކޮޅަށް އެއްވަރުވެ، އަދި ޕެނަލްޓީ ޖަހައި ސްޕެއިން އަތުން ކާމިޔާބު ހޯދައިގެންނެވެ.

މޮރޮކޯއިން ޕޯޗުގަލްއަތުން ކުރިހޯދާފައިވަނީ ޔޫސުފު އެން ނެސިރީގެ ބޮލުން ފޮނުވާލި ބޯޅައަކުން އޭނާގެ ޓީމަށް ޖަހައިދިން ތާރީހީ ގޯލަކުންނެވެ. 1-0 އިން މޮރޮކޯ މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރީ މުޅި ދުނިޔޭގައި އެކި ދިމަ ދިމާގައި ތިބި ސަޕޯޓަރުންގެ ހިތްތަކުގައި އުފާވެރިކަމާއި އުއްމީދު އާލާކޮށްދެމުންނެވެ.

ފުރާންސްއާއި ދެކޮޅަށް ކުރެވޭ އުއްމީދު ތަކަކީ ކޮބާ؟

މޮރޮކޯއިން ފްރާންސްއާއި ދެކޮޅަށް ކުޅޭ މެޗުގައި މުޅި މުބާރާތުގައި ވެސް ގެންގުޅުން އުކުޅުތައް ގެންގުޅޭނެއެވެ.

ރެގްރާގީގެ ޓީމުން ވިސްނުންތެރިކަމާއެކު މަސައްކަތް ކުރާނީ ދުނިޔޭގެ ޗެންޕިއަނުންގެ އެޓޭކިން މުގުރާލާށެވެ. ހާއްސަކޮން ހުނަރުވެރި ސްޕަރސްޓަރ ފޮވާޑް ކިލިއަން އެމްބާޕޭ އެޓޭކްތަކަށް ކައުންޓަރ އެޓޭކުކޮށް ނުރައްކާ ކުރިމަތި ކުރުމަށެވެ.

ދޫ ދިނުމެއްނެތި މޮރޮކޯގެ ޑިފެންސް ވަރުގަދަކަމާއެކު ހިފަހައްޓާލުމުގެ ނަތީޖާއަކަށްވީ، ޤަތަރުގައި ކުޅެވުނު ފަސް މެޗުން ވެސް ބައިކޮޅަށް އެންމެ ގޯލެއް ވަނުމެވެ.

2002 ވަނަ އަހަރު ބުރެޒިލަށް ފަހު ވޯލްޑްކަޕް ފުރަތަމަ ފަހަރަށް ވިދި ވިދިގެން ވޯލްޑްކަޕްގެ ފައިނަލިސްޓުންނަށް ވުމަށް މަސައްކަތްކުރަމުން އަންނަ ފްރާންސްއަށް ވެގެންދާނީ މިހާތަނަށް ކުޅެވޭ އެންމެ ވަރުގަދަ އިމްތިހާނަށެވެ.

ޖުމްލަ ފަސް ގޯލާއިއެކު މުޅި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ފްރާންސްގެ އެމްބާޕޭ އަކީ ކޮންމެ "ބެކްލައިނެއްވެސް އަންލޮކް" ކުރުމުގެ ޤާބިލްކަން ހުރި ކުޅުންތެރިއަކަށް ވާއިރު، އެކުވެރި އޮލީވިއާ ޖިރޫޑް އާއި އެންޓޮއިން ގްރިޒްމަން ވަނީ ޤަތަރު ވޯލްޑްކަޕް 2022 ގައި ރަނގަޅު ފޯމެއްގައި ކުޅެފައެވެ.

ފައިނަލަށް ވާސިލްވުމާއި ކާމިޔާބު؟

ކޯޗު ރެގްރާގީ ބުނެފައިވަނީ ޓީމުގެ ކުޅުންތެރިން އުންމީދުކުރަންޖެހޭނީ ހަމައެކަނި ފައިނަލަށް ދިއުމަށް ނޫންކަމަށާއި އެފައިނަލް ކާމިޔާބުކުރުމަށްކަމަށެވެ.

"މީގެ ތިން ހަތަރު މެޗް ކުރިން އެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޅުގަނޑާ ސުވާލު ކުރެވުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭތޯ؟ އަދި އަހަރެން ބުނީމެވެ. ކީއްވެ ނުވާންވީ؟ އަހަރެމެންނަށް ހުވަފެން ދެކެވިދާނެ. ހުވަފެން ނުދެކެންވީ ކީއްވެ ހެއްޔެ؟ ހުވަފެން ނުދެކޭނަމަ އެއްވެސް ހިސާބަކަށް ނުދެވޭނެ"

ޕޯޗުގަލް އަތުން ޓީމް މޮޅުވުމަށްފަހު ހޮނިހިރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗް ރެގްރާގީ ބުންޏެވެ.

"ހުވަފެން ދެކޭކަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭ. ޔޫރަޕްގެ ޤައުމުތަކަކީ ވޯލްޑްކަޕް ކާމިޔާބު ކުރުމަށް އާދަވެފައިވާ ޤައުމުތަކެއް"

މިއަހަރުގެ މުބާރާތުގެ "ރޮކީ ބަލްބޯއާ" ގެ ގޮތުގައި އޭނާގެ ޓީމް ސިފަކޮށް އޭނާ އިތުރަށް ބުންޏެވެ.

މޮރޮކޯ ރައްޔިތުން ޤަބޫލުކުރަނީ ކިހިނެތް؟

އެޓީމުގެ ބުރަމަސައްކަތާއި ކާމިޔާބިއަށް ހިނިތުންވެފައިވާ މޮރޮކޯގެ ސަޕޯޓަރުން ހަމަ ޔަޤީނުންވެސް ޤަބޫލުކުރާގޮތުގައި އެޓީމް އޮތީ ޝަރަފުގެ މަގުމަތީގައެވެ.

އެޓްލަސް ލައަންސްގެ ފަހު 16 ވަނަ މެޗްގެ ކުރިން ދިހަ ހާސް ސަޕޯޓަރުން ގަތަރަށް އައިސްފައި ވެއެވެ. އަދި ކުއާޓަރ ފައިނަލުގެ ކުރިންވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސްފައިވެއެވެ.

އެ ޓީމްގެ މެޗެތަކުގައި ފޯރިގަދަ މާހައުލެއް އުފެއްދިއިރު، މިރޭ އަލްބައިތު ސްޓޭޑިއަމްގައި ކުޅޭ މެޗަކީ އުތުރު އެފްރިކާގެ ޓީމަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެއްކަމުގައި ހީވާނެ ކަމަށް ބެލެވެއެވެ.