އުރީދޫ މޯލްޑިވްސްގެ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ނުކުރެވުނު ފަރާތްތަކަށް އެ ދުވުމުގައި ބައިވެރިވެވޭނެ ފުރުސަތެއް އެ ކުންފުނިން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކޮންމެ ދުވަހަކު ފަންރަން ކިޓެއް ގިވްއަވޭގެ ގޮތުގައި ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.

Ad
rt

މި ފުރުސަތުގެ ދަށުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އުރީދޫ މޯލްޑިވްސްގެ ޓްވީޓް ލައިކްކޮށް، ޝެއާ ކުރުމަށްފަހު ރައްޓެއްސެއް ޓެގް ކުރާށެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫން ބުނެފައިވަނީ އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައިވެސް ޖޮގުކޮށްފައިވެސް ރޭސް ނިންމިދާނެއެވެ.

އުރީދޫ ފަން ރަންއަށް ސްޓޭންޑާޑް ކިޓްސް އަދި ފަން ކިޓްސް ލިބެން ހުންނާއިރު ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނެއެވެ.، އޭގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.