ރަޝިއާ އާއި އީރާނުގެ ގުޅުމަކީ އަވަށްޓެރިންނަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެގައުމުން މިހެން ބުނެފައި މިވަނީ ރަޝިޔާއާއި އީރާނާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމުން އެއަށް އިޝާރާތްކޮށްފަ އެވެ.
ވައިޓް ހައުސްގެ ގައުމީ ސަލާމަތާއި ބެހޭ ތަރުޖަމާނު ޖޯން ކަރބީ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރަޝިއާ އިން އީރާނާ ގުޅިގެން ހަތިޔާރު އުފައްދަމުންދާ ކަމަށެވެ. އަދި އަސްކަރީ ތަފާތު އެކި ތަމްރީނުތައް ވެސް ބާއްވަމުން އަންނަކަމަށެވެ.
ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ހަނގުރާމަ ކުރަމުން އަންނަ އައުމާއި ގުޅޭގޮތުން ވެސް އެމެރިކާ އިން ބުނީ އެ ހަނގުރާމައިގައި އީރާނުގައި އުފައްދާފައިވާ ޑްރޯން ފަދަ ހަތިޔާރު ވެސް ބޭނުން ކުރާ ކަމަށެވެ.
ޑްރޯން ވިއްކުމުގެ މައްސަލައިގައި އެމެރިކާއިން ވަނީ ރަޝިޔާގެ ތިން އިދާރާއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައެވެ.
އެމެރިކާގެ މި ވާހަކަތައް ދޮގުކުރައްވައި، ރަޝިޔާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނެބެންޒިޔާ ވިދާޅުވީ ރަޝިޔާއަކީ އަމިއްލައަށް އަސްކަރީ ހަތިޔާރާއި އުޅަނދުފަހަރު އުފެއްދުމުގެ ގާބިލުކަން އޮތް ޤައުމެއް ކަމަށާއި އެހެން ޤައުމެއްގެ އެހީތެރިކަމަށް އަދިބޭނުން ނުވާ ކަމަށެވެ.
އެމެރިކާ އިން ބުނީ ރަޝިޔާއާއި އީރާނާ ދެމެދު ހިންގާ މި ފަދަ އަސްކަރީ، ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވަން ހުރިހައި ވަސީލަތެއް ބޭނުން ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!