ސަފާރީ އުޅަނދުތައް ތަރައްގީވި ވަރަށް އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ މުޅިން ތަރައްގީކުރެވިފައެއް ނެތް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މޯލްޑިވްސް ބޯޓިންގ އެވޯޑްސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ ވަޒީރު ވިދާޅުވީ ރައީސްގެ ޓޫރިޒަމް ސިޔާސަތު މިއޮތީ މުޅި ރާއްޖެއަށް ރައްޔިތުންނާއި ހަމައަށް އޭގެ ފައިދާ ގެންދާގޮތަށް ކަމަށެވެ. އަދި މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާ ވަމުންދާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވާއިރު، މިއަށްވުރެ ސަފާރީ އުޅަނދުތައް ވެސް އިތުރުވާން ޖެހޭ ކަމަށެވެ.

"މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ސަފާރީތައް ތަރައްގީވަމުން އައި ބާރުމިނުގައި މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީނުވުން. އެކަމަކު ސަރުކާރުން މިހާރު ތަރައްގީކުރަމުން އަންނަ ދިޔަނެރު ބަނދަރު ނިމުމުން ސަފާރީތަކަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ." މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ލިބެމުންދާ ކާމިޔާބީތަކުގައި ބޯޓިންގ ދާއިރާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ މައުސޫމް ވަނީ މިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގައި ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީކަމުގައިވާ ވިދިވިދިގެ ތިން އަހަރު ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހާސިލްކުރުން ފާހަގަ ކުރައްވާފަ އެވެ. އަދި ކޯވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ފަތުރުވެރިކަން ކުރިއަރުވައި އެކަމުން އަރައިގަތުމުގައި ބޯޓިންގ ސިނާއަތުން ދީފައިވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި މުޅި ޖުމްލަ 158 ސަފާރީ އޮތްއިރު، މިއީ ޖުމްލަ 2918 އެނދެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ނިސްބަތައް ބަލާނަމަ %5 އެނދެވެ.