ފުޓްބޯޅަ މެޗެއް ނިންމާލާއިރު، އެންމެގިނަ ބައެއްގެ ލޯތައް އަމާޒުވެ އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ އެއްފަރާތަކީ އެ މެޗެއްގައި އިންސާފުކުރާ ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެވެ. އެހެނަސް މޮޅުވާ ޓީމުންނާއި މޮޅުވާ ޓީމުގެ ސަޕޯޓަރުން ބުނާނީ އެއީ އެންމެ އިންސާފުވެރި ފަރާތް ކަމަށެވެ. ބަލިވާ ޓީމާއި އެޓީމުގެ ސަޕޯޓަރުންގެ ޝަކުވާ ހުސްނުވާނެ އެވެ.
ގަތަރުގައި މިހާރުކުރިއަށްދާ ފިފާ ވޯލްޑްކަޕް މުބާރާތުގައި ވެސް މިފަދަ އެތައް މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެފަދަ ކަންކަން ރަނގަޅުކޮށް، ވީހާވެސް އިންސާފުވެރިކޮށް ކަންކަން ކުރުމަށް ބޭނުންކުރާ ވަސީލަތަކީ 'ވީއޭއާރް' އެވެ. ބައެއް ފަހަރު މިއީވެސް ބެލުންތެރިންނަށް ނުވަތަ ޓީމުތަކަށް އެހާ ގަޔާވާ ނިންމުންތަކެއް ނިންމާ ވަސީލަތަކަށް ނުވެއެވެ. އެކަމަކު ވީއޭއާރް ގެ އެހީތެރިކަން ނުހޯދާ ވާކަށް ވެސް ނެތެވެ.
ގަތަރު ވޯލްޑްކަޕް ގައި އެންމެގިނަ ބައެއްގެ ލޯތައް އަމާޒުވެ، ފާޑުކިޔުން އަމާޒުވި އެއް ރެފްރީއަކީ އާޖެންޓީނާ އާއި ނެދަލޭންޑްސް ވާދަކުރި މެޗު އިންސާފުކުރި ރެފްރީ މަޓިއު ލަހޯޒްއެވެ.
ހާއްސަކޮށް ލިއޮނަލް މެސީ، އަތުން ޖެހި ބޯޅައަށް ކޯޝަން (ރީނދޫ ކާޑު) ނުދެއްކި މައްސަލައެވެ. އެހެން ދިމާވީ އޭގެ ހިނދުކޮޅެއް ކުރިން ނެދަލޭންޑްސްގެ ކުޅުންތެރިއެއް ބޯޅައިގައި އަތުން ޖަހައިގެން ރީނދޫ ކާޑު ދައްކާފައިވާތީ އެވެ. ކުށެއް ކުރުމުން އެ ކުށަކަށް ރެފްރީ އަދަބު ދޭއިރު، ވަރަށް ގިނަ ކަންކަމަށް ރިޔާއަތް ކުރާނީ ހަމައެކަނި ގަވާއިދުގައި ލިޔެފައިވާ އިބާރާތްތަކަކަށް ނޫނެވެ.
އެއްބާވަތެއްގެ ކުށެއް ދެ ކުޅުންތެރިން ވެސް ކުރިއިރު، އެއީ ދެ ހާލަތަކަށް ވެދާނެ އެވެ. އެ ހާލަތު އެންމެގާތުން ފެންނާނީ އެ މެޗެއްގައި އިންސާފުކުރާ ފަރާތްތަކަަށެވެ. އެކި ސަރަހައްދުގައި ކުޅިބަލަން ތިބޭ މީހުންނަށް ފެންނަގޮތާއި ދަނޑުމަތީގައި ތިބޭ ފަރާތްތަކަށް އެ މަންޒަރު ފެންނަ ގޮތް ތަފާތުވާނެ އެވެ.
ވަކިން ހާއްސަކޮށް 'ހޭންޑްބޯލް' އާއި 'ބޯލްހޭންޑް' ގެ ތަފާތު ބައެއް ފަހަރަށް އޮޅޭތީ އެވެ. އަދި ފުޓްބޯޅަ ގަވާއިދުގައި 'ހޭންޑްބޯލް' ކަމަށް ބަލަންޖެހޭ ކަންކަމާއި 'ބޯލްހޭންޑް' ކަމަށް ބަލާ ކަންކަން ވެސް ތަފާތުވާނެ އެވެ.
ފަހަރެއްގައި ވެސް މިބުނަނީ ރެފްރީން ކުށެއް ނުކުރާނެ ވާހަކައެއް ނޫނެވެ. އެއީ ވެސް އިންސާނުން ކަމަށް ވާތީ ކުށްވެސް ކުރެވޭނެއެވެ.
އެގޮތުން ރެފްރީކަން ކުރި މަޓިއު ގެ ފަރާތުން ފެނިގެންދިޔަ ކަންކަމުގެ ޝަކުވާ ދެ ޓީމުގެ ފަރާތުން ވެސް ފިފާ އަށް ހުށަހަޅާފައިވާ އިރު، އޭނާގެ މައްސަލަ ފީފާ އިން މިހާރު ވަނީ ބަލާ ނިންމުމަށް ފަހު ފިޔަވަޅުވެސް އަޅާފަ އެވެ. މި މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ މިއަހަރުގެ ވޯލްޑްކަޕްގެ ކުރިއަށް ހުރި އެއްވެސް މެޗެއްގައި އޭނާއަށް ރެފްރީކަން ނުކުރެވޭނެ ކަމަށެވެ. އަދި ކުއާޓަރ ފައިނަލުގައި ރެފްރީކަން ކުރި ތިން ރެފްރީންގެ ތެރެއިން އިތުރު ދެ ރެފްރީއަކަށް ވެސް މި މުބާރާތުގައި ދެން ރެފްރީކަން ނުކުރެވޭނެއެވެ.
އެއީ ފިފާ ގެ ގަވާއިދެވެ. ކުޅުންތެރިންނާ އެއްގޮތަށް ރެފްރީންނަށް ވެސް އަދަބު ދޭނެ އެވެ. އިންސާފަށް ވާސިލުވުމަށެވެ. އެއްވެސް ފަރާތަކަށް ބޭއިންސާފު ނުވުމަށެވެ. ނުވަތަ ނުކުރުމަށެވެ.
ރެފްރީކަން ކުރަނީ ވެސް އިންސާނުން ނެވެ. ފުޓްބޯޅަ ގަވާއިދު (ލޯސް އޮފް ދަ ގޭމް) ގެ ހުރިހައި މާއްދާއެއް ދަސްކޮށް، ދަނޑުމަތީގައި ނިޔާކަނޑައެޅުމަށް ލިބޭ "ފަޅި ސިކުންތު" ގައި ވިސްނަންޖެހޭ އެތައް ކަމެއް ހުރެއެވެ.
އެއީ ކޮންމެހެން މޮޅު ޓީމެއް ނުވަތަ މޮޅު ކުޅުންތެރިއަކަށް ވާތީ، އޭނާއަށް ހާއްސަ ނަޒަރަކުން ބަަލައި، އޭނާ ކުށެއް ކުރުމުން އަދަބު ނުދިނުމެއް ވެސް ނޫނެވެ. އަދި ރެފްރީ ސަޕޯޓުކުރާ ނުވަތަ އޭނާ އެންމެ ގަޔާވާ ކުޅުންތެރިޔާ ކުށުން ބަރީއަ ވުމެއް ނޫނީ ބަރީއަ ކުރުމެއް ވެސް ނޫނެވެ.
ކޮންމެ ކަމެއްގައިވެސް އުސޫލުކުތަކަކާއި ޤަވާއިދެއް ހެދިފައި އޮންނަނީ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ މިރޭ ވާދަކުރާނެއެވެ. މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ. އަދި ސެމީގެ ދެވަނަ މެޗު ކުޅޭނީ މާދަމާ ރޭ ދަންވަރު 12 ޖަހާއިރުގައެވެ. މި މެޗުގައި ބައްދަލުކުރާނީ ފްރާންސް އާއި މޮރޮކޯ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!