މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެމްބަރު ކަމުގެ މަގާމަށް "ތިލަދުން" ގެ ނިއުސް ހެޑް މުހައްމަދު އަފްރާޙް އިންތިހާބު ވެއްޖެ އެވެ.

އެމްއެމްސީ ގެ އައު ދައުރަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އޭނާއަށް ވަނީ 82 ވޯޓު ލިބިފަ އެވެ.

Ad
rt

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު 10 ން 11 އަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި އެ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރައްވާ 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރުން ވަނީ އިންތިހާބު ކޮށްފަ އެވެ.

މި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް 10 ފަރާތަކުން އަދި އާންމު މެންބަރު ކަމަށް 12 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.

އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް ހޮވުނު މެމްބަރުންނަކީ އަހްމަދު އާޒިފު، ސަން އޮންލައިން (85 ވޯޓު)، މުހައްމަދު ސިމާއު، ވަން އޮންލައިން (85 ވޯޓު)، މުހައްމަދު އަފްރާހް، ތިލަދުން (82 ވޯޓު)، މޫސާ ރަޝީދު، މިހާރު އޮންލައިން (80 ވޯޓު)، ހުސައިން ޝަރީފު، ވަގުތު އޮންލައިން (75 ވޯޓު)، އަހްމަދު މުސްތަފާ، ޕަބްލިކް ސަރވިސް މީޑިއާ، 62 ވޯޓު އަދި އަލީ ނިޝާން، އާފަތިސް އޮންލައިން، (58 ވޯޓް) އެވެ.

އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިހާބުވީ އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ (84 ވޯޓު)، އަހްމަދު ސަފްވާން، މާކޯނި، ރ.ވާދޫ، (79 ވޯޓު)، ފާތިމަތު ޝާޒުލީ، ހ. ޝީޝަމް (77 ވޯޓު)، އަހްމަދު އަމީން މުހައްމަދު، ރިހިދޯދި، ގދ. ފިޔޯރި (54 ވޯޓު)، މުހައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ (52 ވޯޓު)، އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ (48 ވޯޓް) އެވެ.

މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރީ 99 ފަރާތަކުން ނެވެ. ވޯޓު ލާފައިވަނީ 93 ފަރާތަކުން ނެވެ.

މިއީ މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލް ކުރައްވާ 7 މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ 6 މެންބަރެއްގެ ދައުރުގެ މުއްދަތު މިހިނގާ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ އެ ކައުންސިލްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މިހާރުގެ ދައުރު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.

އެމްއެމްސީގެ މެމްބަރުންގެ އަދަދަކީ 15 އެވެ. މިހާރު ހިނގަމުންދާ ދައުރުގައިވެސް ތިލަދުންގެ ފަރާތުން މެންބަރަކު އަންނަނީ ތަމްސީލު ކުރަމުންނެވެ.